03 Jul 2012, 20:15
ގާނޫނީ ވަކީލު، އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު ހަނދާނުގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ހަމަހިމޭން ކަމުގެ ސުކޫތެއް ގެންނަން ނިންމައިފި އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވީ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގަންނަވާ ހަމަހިމޭން ކަމުގެ ސުކޫތު އޮންނާނީ މާދަމާ މެންދުރު ފަހު 1:30 ގައި ޖަސްޓިސް ބިލްޑިން ކުރިމަތީ ކަމަށެވެ.
"އެ ސުކޫތުގައި ގާނޫނީ ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ،" ލަތީފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްކުރުން ހުއްޓުވައި މުޖުތަމައު އަމާން މާހައުލަކަށް ހެދުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ޖުޑީޝަރީން މިހާރު ފަށާފައިވާ ކަމަށާއި ކުށްކުރުން ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ދިރާސާކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާާއި މުއައްސަސާތަކާއެކު ވާހަކަ ދައްކާނެ އެޑްވޮކަސީ ގްރޫޕެއް އެކުލަވައިލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުށްކުރުން ހުއްޓުވަން ކުރެވެން ހުރި ކަންތައްތައް ދިރާސާކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާާއި މިނޫންވެސް މުއައްސަސާތަކާއެކު ވާހަކަ ދައްކާނެ އެޑްވޮކަސީ ގްރޫޕެއް އެކުލަވާލުމަށް މިހާރު ވަނީ ނިންމާފަ،" ލަތީފާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ކަމާއި ގުޅުން ހުރި ގާނޫނުތަކެއް ބޭނުންވާ ކަމަށާއި އެފަދަ ހުރިހާ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށެވެ.