މޯލްޑިވްސް އައިޓީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ ނަމުގައި މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ކެބިނެޓުން މިއަދު ނިންމީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ހުށަހެޅުމަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ ތަރައްގީއަށް ޒަމާނީ ޓެކްނޮލޮޖީގެ ހިއްސާ ބޮޑު ކުރުމަށް ފެނިގެން ކަމަށެވެ.

މި މަޝްރޫއަކީ ސަރުކާރުން ކަނޑައަޅާފައިވާ ތަރައްގީ އޮނިގަނޑުގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލު ކުރަން މަގުފަހިކުރުމަށާއި ސަރުކާރާއި ދައުލަތުގެ ޚިދްމަތްތައް، ޤައުމީ ކޮމްޕިއުޓާ ވިއުގަ މެދުވެރިކޮށް، ފަސޭހަ ގޮތެއްގައި ފޯރުއްވައިދޭން އެކުލަވައިލާ މަޝްރޫއެކެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއުގައި ރާއްޖޭގެ ހުރިހާ ރަށްތަކެއް ވިއުގައިން ގުޅި، ޚިދްމަތްތައް ފަސޭހަކަމާއެކު ދޭން ސްމާޓް ކާޑް ތައްޔާރުކުރާނެ ކަމަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ނެޓްވޯކެއް ޤާއިމްކޮށް، އެ ނެޓްވޯކްގެ ތެރެއިން ސާވައިލަންސްގެ ޚިދްމަތްތައް ދޭނެ ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ޚިދްމަތް ދިނުން ފަސޭހަވެ ދައުލަތުގެ ބަޖެޓުން ހޭދަކުރާ މިންވަރު، ކުޑަވެގެންދާނެ ކަމަށާއި މޯލްޑިވްސް އައިޓީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށް ގެންދާނެ ޢިމާރާތެއް ތިމާވެށްޓާ ރައްޓެހި ގޮތަކަށް ފަރުމާ ކުރަން ވެސް ވަނީ ނިންމާފައިވާ ކަމަށެވެ.