07 Nov 2024, 13:32
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑާއި ފްރެންޗް ލީގު އާންގެ ޕީއެސްޖީ ބައްދަލުކުރި މެޗު އެޓްލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗު އެޓްލެޓިކޯއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ.
މިމެޗު ޕީއެސްޖީން ފެށީވެސް ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 14ވަނަ މިނެޓުގައި އެޓީމުންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުމުރުން 18 އަހަރުގެ ވޯރެން ޒައާ އެމެރީއެވެ. މިމެޗަށްފަހު އޭނާއަށް ވަނީ މިމުބާރާތުގެ ފުރަތަމަ އެގާރައިގާ ހިމެނިގެން 15 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބު ލިބިފައެވެ.
ނަމަވެސް ޕީއެސްޖީއަށް މިލީޑު ދެމެހެއްޓޭވަރުވީ 4 މިނެޓަށެވެ. މެޗުގެ 18ވަނަ މިނެޓުގައި އެޓްލެޓިކޯގެ ނަހުއެލް މޮލީނާވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ޕީއެސްޖީން ވަނީ އަލުން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ.
މިމެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފެނުނީ ދާދި އެއްގޮތް ކުޅުމެކެވެ. މިގޮތުން ޕީއެސްޖީއިން ހަމަލާއަށް އިސްކަން ދީގެން ކުޅެފައިވާއިރު އެޓްލެޓިކޯ ފެނިގެންދިޔައީ ޑިފެންސަށް އިސްކަން ދިނުމަށްފަހު ލިބޭ ފުރުސަތު ތަކުގައި ހަމަލާ ދެވޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކި އިރުވެސް ދެޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވުމުން މިމެޗު އެއްވަރި ވެދާނެކަމަށް ހީވިއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އެޓްލެޓިކޯއިން އުފެއްދި ހަމަލާއެއްގައި އެންގެލް ކޮރެއާ ކާމިޔާބު ކުރި ލަނޑާއެކު މިމެޗުގެ ލީޑު އެޓީމުން ނަގާ ޕީއެސްޖީ މާޔޫސްކޮށްލިއެވެ.
މިކާމިޔާބީ ވެފައިވަނީ މިފަހަރުގެ މުބާރާތުގައި އެޓްލެޓިކޯއަށް ހޯދުނު ދެވަނަ ކާމިޔާބީ އަށެވެ. އަދި މިއާއެކު އެޓީމު އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 23ވަނައިގައެވެ.
ޕީއެސްޖީއަށް ލިބުން ނާކާމިޔާބީއާއެކު މިހާރު މިވަނީ ދެ މެޗުން ބަލިވެފައެވެ. އަދި މޮޅު ވެފައިވަނީ ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުންނެވެ. މިއާއެކު ޕީއެސްޖީ އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 25ވަނައިގައެވެ.
މިމުބާރާތުގައި އޮސްޓްރިއަން ބުންޑެސްލީގާގެ އާރްބީ ސާލްޒްބާގް އާއި ޑަޗް އެރެޑިވިސީގެ ފެޔެނޯޑް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސާލްޒްބާގްއެވެ. މިމެޗުގައި ސާލްޒްބާގުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ކަރީމް ކޮނާޓޭއެވެ. އަދި ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ދައުދާ ގުއިންޑޯއެވެ.
މިމެޗުގައި ފެޔެނޯޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 81ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަނިސް ހާޖީ މޫސާއެވެ. މިލަނޑު އެޓީމުން ކާމިޔާބު ކުރިމުގެ އެއް މިނެޓް ކުރިން އެޓީމުގެ ކްރިސް ކެވިން ނާޑްޖައަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިފަހަރުގެ މުބާރާތުގައި ކާމިޔާބު ކުރެވުނު ފުރަތަމަ މެޗާއެކު ސާލްޒްބާގް މިހާރު އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ 30 ވަނައިގައެވެ. އަދި ފެޔެނޯޑް އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 21 ވަނައިގައެވެ.
މީގެއިތުރުން މިމުބާރާތުގައި ފްރެންޗް ލީގު އާންގެ ބްރެސްޓް ދައްކަމުންދާ މޮޅު ކުޅުންވަނީ މިހަފްތާގައި ވެސް ތަކުރާރު ކޮށްފައެވެ. މިގޮތުން ބްރެސްޓާއި ޗެކް ފަސްޓް ލީގުގެ ސްޕާޓާ ޕްރާހާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބްރެސްޓްއެވެ.
މިމެޗުގައި ބްރެސްޓްގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެޑިމިލްސަން ފެނާންޑޭޒް ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑަކީ ސްޕާޓާގެ ކާން ކައިރިނެން އަތުން ބައިކޮޅަށް ވަން ލަނދެކެވެ. މިމެޗުގައި ސްޕާޓާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިކްޓާ އޮލަޓުންޖީއެވެ. މިކާމިޔާބީއާއެކު ބްރެސްޓް އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި ސްޕާޓާ ޕްރާހާ އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 26ވަނައިގައެވެ.