ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ފަސޭހަކަމާ އެކު ބިލް ދެއްކޭނެ ހިދުމަތެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ބިލް ޕޭގެ ހިދުމަތް ތައާރަފް ކުރުމުގޮތުން ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެ ހިދުމަތަކީ ދިރާގުގެ ޕާޓްނާޝޮޕް ނުވަތަ އޮޕަރޭޝަން ސެންޓަރެއް ނެތް ރަށްރަށުގެ ކަސްޓަމަރުނަށް ވީހާ ވެސް ފަސޭހަކަމާ އެކު ބިލު ދެއްކޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން ތައާރަފު ކުރި ހިދުމަތެއް ކަމަށެވެ.

ދިރާގުގެ ޕްރޮޑެކްޓް މެނޭޖާ މޮބައިލް މަރިޔަމް ޝީޒްލީން ވިދާޅުވީ އަލަށް ތައާރަފުކުރި އެ ހިދުމަތް މެދުވެރިކޮށް މިހާރު ބިލް ދެއްކޭނެ ގޮތް ނެތް ކޮންމެ ރަށެއްގައި ވެސް ބިލް ޕޭ އެޖެންޓުން ހަމަޖައްސާނެ ކަމަށާއި އޭރުން އެ އެޖެންޓުން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުގެ މަގު ފަހިވެގެން ދާނެ ކަމަށެވެ.

"ކޮންމެ ކަސްޓަމަރަކު ވެސް އެ ފަރާތެއްގެ މޮބައިލް ނަންބަރާއި ކަސްޓަމާ އެކައުންޓް ނަމްބަރު އަދި ބިލްގެ ޖުމްލަ ފައިސާ ރީލޯޑް ޕޭ އެޖެންޓަށް ދެއްވުމުން ބިލް ދެއްކޭނެ" ޝީޒްލީން ވިދާޅުވި އެވެ. "ބިލް ދެއްކެވުމުކަން ޔަގީން ކުރުމުގެ ގޮތުން އެފަރާތައް އެސްއެމްއެސް އެއް ލިބޭނެ."

އަދި ވިދާޅުވީ މިއަދުން ފެށިގެން އެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެޥެ. އަދި ރަށްރަށުގެ އެޖެންޓުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ މިފަދަ ހިދުމަތެއް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މިހިދުމަތުގެ އިތުރުން މިހާރު ވެސް ދިރާގުގެ ފުރަންޓް އޮފީހުނާއި ރީޖަނަލް ސެންޓާތައް އަދި ޕާޓްނާ ޝޮޕްތަކުން ބިލްދެއްކޭ ހިދުމަތް ތައާރަފް ކޮށްފައިވާ އިރު ޑްރޮޕް ބޮކްސް އާއި ބޭންކް އޮފް މޯލްޑިވްސް ރީޖަނަލް ބުރާންޗްތަކުންނާއި އެ ބޭންކުގެ އޭޓީއެމްގެ އިތުރުން ޑައިރެކްޓް ޑެބިޓް އަދި އޮންލައިންކޮށް ވެސް ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުނަށް ބިލް ދެއްކެ އެވެ.