ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅޭނެ ކަމާ މެދު މެންބަރުންގެ މެދުގައި ސުވާލު އުފެދި، ބަހުސް ދިގުލައި އަދި މައްސަލަ ހޫނުވާ ފެށުމުން އެ ބިލް ހުށަހެޅިދާނެތޯ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް އިތުރަށް ބެލުމަށް ޓަކައި ބިލް ހުށަހެޅުން ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ހުށަހެޅުއްވުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް ރިޔާސަތުން ދެއްވި ފުރުސަތުގައި ރިޔާޒު ބިލް ހުށަހަޅުއްވަން ފެއްޓެވުމުން، ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ، މަޑަވެލީ ދާއިރާގެ މުހައްމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވަނިކޮށް ކޮމަންވެލްތުން ވަކިވުމަށް މެންބަރަކަށް ބިލެއް ހުށަނޭޅޭނެ ކަމަށެވެ.

"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ވިދާޅުވެފަ ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވާ ފަރަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް. އެހެންވީމާ ބިލެއް ލައިގެން ގާނޫނު އަސާސީއާ ހިލާފަށް މުޅި ދުނިޔެއާ ގުޅުން ކަނޑާލާކަށް މަސައްކަތެއް ނުކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒީމް ނެންގެވި ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، ބޭނުންވެއްޖެ ކޮންމެ ކަމަކާ ގުޅޭ ގޮތުން އިސްލާމްދީނުގެ އަސްލުތަކާ ހިލާފްނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު ބާތިލް ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގައި ބުނާ ކަމަށެވެ.

ޝާހިދު ދެއްވި އެ ޖަވާބާ ގުޅިގެން އިތުރު މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އެގޮތުން ޝާޙިދަށް ރައްދު ދެއްވައި ނިޒާމީ މައްސަލަ ނަންގަވައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ، އިސްލާމްދީނުގެ އަސްލުތަކާ ހިލާފްނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު ބާތިލް ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީގެ 70ވަނަ މާއްދާގެ (ށ)ގައި ބުނާ އިރު ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) އާއި (ފ)އަށް ބަލަންޖެހޭ ކަމަށެވެ.

"115 ވަނަ މާއްދާގެ (މ) އެބަވޭ ރައީސުލް ޖުމްހޫރިއްޔާއާ ހަވާލުވެގެންވާ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައެޅިގެން ބަޔާންކުރުއްވާފަ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅާ، ހިންގާ، އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބަލައި ބޭރު ގައުމުތަކާއި ބައިނަލް އަގްވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެފެއްޓުން. އޭގެ އިތުރުން (ފ)ގަ ވަރަށްސާފުކޮށް ބުނެފަ އެބައޮތް ބޭރު ގައުމުތަކާއި ބައިނަލް އަގްވާމީ ޖަމާއަތްތަކާއެކު ރާއްޖޭންވާ މުއާހަދާތަކާއި އެއްބަސް ވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބަވަތުގެ އާއްމު އެއްބަސްވުންތަކުގައި ސޮއިކުރުން،" ނަޝީދު ވިދާޅުވި އެވެ.

އަދި ބިލް ގާނޫނަކަށްވާތާ 60 ދުވަހުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ވަކި ވީކަމަށް ރިޔާޒު ހުށަހަޅުއްވާފައިވާ ބިލުގައި ބުނާ އިރު ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ގާނޫނަކުން ނިގުޅައެއް ނުގަނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ ހިޔާލު ތަފާތު ވުމުގައި މެންބަރުން އިތުރު ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުން މަޖިލީހުގެ ކައުުންސެލް ޖެނެރަލާއި އަމީން އާއްމާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އެ މައްސަލައިގައި މަޝްވަރާ ކުރުމަށް ނިންމައި ޝާޙިދު އެ ބިލު ޕާކް ކުރެއްވުމަށް ނިންމެވި އެވެ.

އެ ބިލްގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުމަށް ފަހު ތިން ފަހަރެއްގެ މަތިން ޖަލްސާ ބޭއްވުމަށް ރިޔާސަތުން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން 1:03 ގައި މިއަދުގެ ޖަލްސާ ވެސް ވަނީ ނިންމާލައްވައިފަ އެވެ.