03 Jul 2012, 16:21
މާޅެންދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހީމް މިއަދު ވިދާޅުވީ މާވަހަރެއް ކަމަށް ބެލެވޭ އެ އެތި ފެނިފައިވަނީ އެރަށު ރެސްޓިން ހައުސް، މޫސާ ޔޫސުފަށް ކަމަށާއި އެ މާވަހަރު މިހާރު އޮތީ ރަށުގައި ކަމަށެވެ. އަދި ވިދާޅުވީ މާވަހަރު ހޮވީ ނ. ކެނދިކޮޅުދޫ އާއި ތޮޅެންދޫއާ ދެމެދު، ކަނޑުއޮޅިން ކަމަށެވެ.
މާވަހަރު ފެނުނީ މޫސާ ޔޫސުފު އޭނާގެ އަމިއްލަ ދޯނީގައި އެ އަތޮޅު ކުުޅުދޫއަށް ދިއުމަށްފަހު ރަށަށް އައުމުގެ ދަތުރުގައި ކަމަށާއި ބޮޑަށް ވައްތަރީ އެއީ ހުދަންބަރަކާ ކަމަށް ވެސް ރަށު ކައުންސިލްގެ އިދާރާއިން ބުންޏެވެ.
މާވަހަރު ހޮވި މޫސާ ޔޫސުފު މިހާރު ހުރީ މާލޭގަ އެވެ. އެއީ މާވަހަރެއްތޯ ޔަގީން ކުރުމަށެވެ.
" މާވަހަރުގެ އެތިކޮޅެއް ހިފައިގެން ދޯނީގެ ވެރިފަރާތް ވަނީ މާލެ ގޮސްފައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މާވަހަރު ހޮވި މޫސާ ޔޫސުފް މިއަދު ބުނީ މާވަހަރު ފެނުނު އިރު ދޯނީގައި ހުރީ އޭނާ އެކަނި ކަމަށާއި މާލެ އައީ އޭނާ ހޮވީ މާވަހަރެއްތޯ ޔަޤީން ކުރުމަށް ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ފެންނައިރު މިދިޔަ ހަފުތާގައި ހދ. ހަނިމާދޫގެ އަތިރިމަތިން މާވަހަރެއް ކަމަށް ބެލެވޭ ދެ ކިލޯގެ އެއްޗެއް ވެސް އެރަށުގެ މީހަކަށް ފެނުނެވެ. މީގެއިތުރުން ހދ. ހަނިމާދޫ މީހަކު ހޮވާފައިވާ 25 ކިލޯގެ މާވަހަރަކާއި ފ. ހިމިތި ކިޔާ ފަޅުރަށަކުން ހޮވާފައިވާ 42 ކިލޯގެ މާވަހަރެއްގެ މައްސަލަ ބޮޑުވެ އެ ދެމާވަހަރު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.