03 Jul 2012, 16:02
ހައިކޯޓުގެ އަމުރަކާ ގުޅިގެން ހުއްޓާލާފައިވާ 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ނެކްސް ބިޒުން އަނެއްކާ ވެސް ފަށައިފި އެވެ.
ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އެ ޕްރޮޖެކްޓް ހުއްޓާލުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ޖޫން 26 ވަނަ ދުވަހު ނެރުނު މެންޑަމާސް އަމުރުން ވަނީ ބާތިލްކަމަށް ކަޑައަޅައިފަ އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހަންމަދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލުމަށް ހައިކޯޓުން ކުރި އަމުރު ބާތިލްވެފައި ވާތީ އެ މަސައްކަތް ނެކްސް ބިޒް އިން އަލުން ފަށާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
"އެބޭފުޅުން މަސައްކަތް ހުއްޓާލެއްވީ އޭރު ކޯޓު އަމުރެއް އައުމުން، މިހާރު ކޯޓު އަމުރެއް އެބަ އޮތްތޯ؟، ނެތެއް ނޫންތޯ؟، އެއާ އެކު އެބޭފުޅުން އެ ވަނީ އަލުން ވަޑައިގެން ކުރިން ވެސް ކުރަމުން އައި މަސައްކަތް ފައްޓަވާފައި،" ޑރ. މުހަންމަދު އަލީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން މެންޑަމާސް އަމުރެއް ނެރެ ނެކްސްބިޒްއާ ގުޅޭ ގޮތުން ބޭއްވި ޝަރީއަތްތައް ބާތިލް ކުރީ އެ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންގޮސްފައި ވަނީ ބެންޗަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ވުމުންނެވެ. އޭސީސީން ވަނީ ނެކްސް ބިޒްގެ ޝަރީއަތްތައް ނިމެންދެން ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލައިފައި ބޭއްވުމުގެ އަމުރެއް ނެރެ ދިނުމުގެ މައްސަލަ އަނެއްކާ ވެސް ވަނީ ސިވިލް ކޯޓަށް ވައްދައިފަ އެވެ.
ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް މޭ 10 ވަނަ ދުވަހު ހައިކޯޓުން އަމުރު ކުރި އިރު އެ ޕްރޮޖެކްޓްގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ވަނީ ޓެސްޓް ކުރުމާ ހިސާބަށް ގޮސްފައި ކަމަށް އޭރު އިމިގުރޭޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން އެއާޕޯޓްގައި ބައެއް މެޝިނަރީތައް ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި އެ ފޭސްގެ ދަށުން މުވައްޒަފުންނަށް ނެކްސް ބިޒް އިން ވަނީ 70 އަށް ވުރެ ގިނަ ލެޕްޓޮ ޕްވެސް ބަހައިފަ އެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޅިޔަނު، އޭރުގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އެ ހެން މަގާމަކަށް ބަދަލު ކުރި އެވެ.
ނަމަވެސް އިލިޔާސް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވުމަށް ފަހު، ކޮންޓްރޯލަރުގެ މަގާމު ދެއްވީ، ރައީސް ވަހީދުގެ ގައުމީ އިއްތިހާދުގެ ޑރ. މުހައްމަދު އަލީ އަށެވެ.
މެލޭޝިޔާގެ ނެކްސް ބިޒާ އެކު އިމިރޭޝަނުން އެއްބަސްވެފައިވާ ބޯޑާ ކޮންޓްރޯލްގެ އެގްރީމަންޓްގެ ދަށުން 22 އަހަރުވަންދެން ރާއްޖެ އިން ފުރާ އަދި އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނެކްސް ބިޒަށް ނެގުމުގެ ބާރު ލިބިދެ އެވެ. އަދި އަލަށް ހައްދާ ކޮންމެ ވީސާ ހުއްދައަކުން އަދި އާ ކުރާ ކޮންމެ ހުއްދަ އަކުން 15 ޑޮލަރު ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.