03 Jul 2012, 15:06
މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ގެސްޓް ހައުސްއެއްގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ ގެސްޓް ހައުސްއެއްގެ ތެރެއިން އިއްޔެ ހައްޔަރު ކުރީ 36 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި އެ ދެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 16 ޕެކެޓް ފެނިފައިވާ ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރާ ޕެކެޓްތައް ފެނިފައިވަނީ އެ ދެމީހުން ތިބި ކޮޓަރި ތެރެއިންނެވެ. އަދި އެ ކޮޓަރި ބަލައި ފާސްކުރިކުރި އިރު 10 ރަބަރު ޕެކެޓް ފެނިފައިވަނީ 36 އަހަރު މީހާގެ ޓީޝާޓެއްގެ މަތީ ބަހައްޓާފައި ހުއްޓަ އެވެ. ހަ ޕެކެޓް ފެނިފައިވަނީ 31 އަހަރުގެ މީހާ ލައިގެން ހުރި ބޮކްސާގެ ތެރެއިންނެވެ.
އެ ކޮޓަރި ބަލާފާސްކުރުމުގެ ތެރޭގައި 24 ޑޮލަރާއި 23500ރ. ފެނިފައިވަނީ ކޮޓަރީގައި ހުރި އެނދުގެ ގޮދަޑި ދަށުންނެވެ.