00:00


ވީ ޓީވީ އާ މެދު ފިޔަވަޅުއަޅަން ޖެހިދާނޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވީޓީވީ އަށް ތަކުރާރުކޮށް، އިންޒާރުދެއްވާފައި ވާތީ އެމްޖޭއޭ އިން އެކަން ކުށްވެރިކޮށްފި އެވެ.


މޯލްޑިސްވް ޖާނަލިސްޓް އެސޯސިއޭޝަން ނުވަތަ އެމްޖޭއޭގެ ރައީސް ހިރިގާ އަހްމަދު ޒާހިރު މިއަދު ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު ތަކުރާރުކޮށް މީޑިއާ އަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވީޓީވީގެ ޕޮލިސީއާ ގުޅިގެން، އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވޭތުވެދިޔަ ހަފްތާ ތެރޭގައި މޫސަ ވިދާޅުވެ، އިންޒާރުދެއްވާފައިވާ ކަމަށާއި ހަމަ އެތަނުގެ ރިޕޯޓަރަކަށް ބިރުދައްކާފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ. އެހެންކަމުން އެއީ އެމްޖޭއޭ އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.  


މީޑިއާ އަށް ގޮންޖެއްސެވުމަކީ މޫސަ އާއްމު ގޮތެއްގައި ކުރައްވަމުން ގެންދަވާ ކަމެއް ކަން ފާހަގަކުރައްވާ، ނުފޫޒަތަކުން އަބަދުވެސް މީޑިއާ ފަހަތަށް ޖައްސައި ބިރުދެއްކުމަކީ އެމްޖޭއޭ އިން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.    


އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީ ބަދުނާމުވާ ގޮތަށް ތަކުރާރުކޮށް ހަގީގަތާ ޚިލާފް ޚަބަރުތައް ވީޓީވީން ފަތުރަމުން ގެންދާ ކަމަށް ތުހުމަތުކުރައްވާ، އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މޫސަ ވިދާޅުވަމުން ގެންދަވަނީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުއްމުގެ މަޤުސަދުގައި ކަމަށެވެ. އަދި އެއީ ނޫސްވެރިންނަށާއި ނޫސްވެރިކަން ކުރާ މުއައްސަސާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރެއްވި އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.   


އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން މޫސަ ވިދާޅުވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ ދަށުން އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ވީޓީވީއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަނީ އޭނާ އަށް ވެސް ލިބިވަޑައިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށްވާ އިރު، އެކަމާ ގުޅުވައިގެން އެމްޖޭއޭ އިން ނޫސްބަޔާން ނެރެނީ، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އެއްޗެއް އެ ޖަމިއްޔާ އަށް ރަނގަޅަށް ނޭނގޭތީ ކަމަށް މޫސަ ވިދާޅުވި އެވެ.