މީގެ ހަތަރު މަސްކުރިން ޗެލްސީން ބޭރުކޮށްލި ކޯޗު އަންދްރޭސް ވިޔާސް ބޯއަސް އަށް ޓޮޓެންހަމުގެ ކޯޗުކަންދޭން ނިންމައިފި އެވެ.

ކުޑަކުޑަ މޮރީނިއޯގެ ނަމުން މަޝްހޫރުވި ވިޔާސް ބާއޯސް ޓޮޓެންހަމާ ހަވާލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޓީމުގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ހުރި ހެރީ ރެޑްނެޕާއި ޓީމުގެ ޗެއާމަނާ މައްސަލަޖެހިގެން ރެޑްނެޕް މަގާމުން ވަކިކުރުމުންނެވެ.

ޕޯޗުގަލްގެ ޕޯޓޯ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ވިޔާސް ބާއޯސް އަކީ ވަރަށް ޒުވާން ކޯޗެކެވެ. އުމުރުން 34 އަހަރުގެ ކޯޗަށް ޗެލްސީގައި ކާމިޔާބު ނުހޯދުނީ އެ ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހެން ފެށުމުންނެވެ.

ޕޯޓޯ އަށް މޮރީނިއޯ ކޯޗުކޮށްދިން އިރު އޭނާގެ އެހީތެރިއަށް ވެސް މަސައްކަތްކުރި ވިޔާސް ބާއޯސް އަކީ ޕްރެމިއާ ލީގުގައި ކޯޗުކޮށްދިން އެންމެ ޒުވާން ކޯޗުވެސްމެ އެވެ.