03 Jul 2012, 14:52
އިލެކްޝަންސް ކޮމިޝަނުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ މައްސަލަތަކާއި އަދި ކޮމިޝަންގެ މުވައްޒަފުން މެންބަރުންނާއި މެދު ކުރައްވާ ތުހުމަތުތަކަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުން ވެސް މިއަދު ބަރީއަވެ ވަޑައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެދުމަށް މާލިއްޔަތު ކޮމެޓީން މިއަދު ވަނީ އެ ކޮމިޝަންގެ ފަސް މެންބަރުންނާއި އެކު ބައްދަލުކޮށް ކޮމިޝަންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އަހާފަ އެވެ. ކޮމެޓީގެ ބައްދަލުވުމުގައި އޮބްޒާވަރެއްގެ ހައިސިއްޔަތުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޮޑިޓް ރިޕޯޓުތަކާ ގުޅޭ ކޮމެޓީގެ ޖަލްސާތައް ކުރިއަށް ގެންދަނީ އޮޑިޓް އޮފީހުގެ އޮބްޒާވަރުންނާ ވެސް އެކު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ދެ ލައްކަ ރުފިޔާގެ ކެމެރާ އާއި އަދި 60،000ރ. ގެ ކޮފީ މެޝިންތަކެއްގެ ވާހަކަ ހިމަނާފައިވާ ކަމަށާއި އެތަކެއްޗަކީ އިންތިގާލީ އިލެކްޝަންސް ކޮމިޝަންގައި ކޮމިޝަނަރަކަށް ކދ. އަހުމަދު މަނިކު ހުންނެވި ދުވަސްވަރު ހޯދާފައިވާ ތަކެތި ކަމަށެވެ. އަދި ވިދާޅުވީ އާ ކޮމިޝަނުން ބޭކާރު ހަރަދުތައް ކޮށްފައި ނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެކި އިންތިހާބުތަކަށް އަތޮޅުތަކަށް ފޮނުވާފައިވާ ފައިސާގެ ތެރެއިން 54 މިލިއަން ރުފިޔާ ހަރަދު ކުރެވުނު ގޮތް އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލައިގައި ފުއާދު ވިދާޅުވީ އެ ފައިސާގެ ތެރެއިން 44 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި ހަރަދު ނުވެ ބާކީވި ފައިސާގެ ތެރެއިން ފަސް މިލިއަން ނުވަސްތޭކަ އެތައް ހާސް ރުފިޔާއެއް ކޮމިޝަނަށް ހޯދާފައިވާ ކަމަށާއި ނުލިބި ވަނީ ތިން މިލިއަންފައްސަތޭކަބާރަ ހާސް ރުފިޔާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެ ފައިސާ ހޯދުމުގެ މައްސަލަ ކުރައްވަމުން ގެންދަވައި ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޮޑިޓް ރިޕޯޓުގައި 54 މިލިއަން ރުފިޔާއެއް ހަރަދު ކުރި ގޮތް އެނގެން ނެތީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ލިބެންޖެހޭ ބިލްތައް ނުލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން މަގުމައްޗަށް ނުކުތުމުން އަޅުގަނޑުމެންނާއި ދިމާލަށް މި ގޮވަނީ 54 މިލިއަން ރުފިޔާގެ ވަގޭ، މިކަން މިހާރު ދެން އާންމު ކަމަކަށް ވެއްޖެ، އަޅުގަނޑުމެން ހިޔާނާތުގެ ގޮތުގައި ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ، އަދި ކޮރަޕްޝަންގެ ގޮތުގައި ކޮށްފައި އޮތް ކަމެއް ނޯންނާނެ، އެގޮތައް ގޯވީމަ އަޅުގަނޑުމެންނަށް އަސަރު ކުރޭ،" ފުއާދު ވިދާޅުވި އެވެ.
އައިޕެޑްތައް ގަތް މައްސަލައިގެ މައްޗަށް އަލިއަޅުއްވާލައްވައި ކޮމިޝަންގެ ނައިބު ރައީސް ފަޔާޒު ވިދާޅުވީ އައިޕެޑްތައް ގަނެފައިވަނީ އޭރު ހުންނެވި ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އެ ބޭފުޅާގެ އެދުމަށް ބަޖެޓުން އެކަން ކުރެވޭނެ ކަމަށް ކޮމިޝަންގެ މެންބަރުންނަށް ލަފާ ދެއްވުމާއެކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ.
"އެވަރުން އަޅުގަނޑުމެން އެ އައިޕެޑްތައް ގަނެފައިވެސް އޮންނާނީ، އަދި އެއީ ހަމަ ކޮމިޝަންގެ ހަރު މުދަލެއްގެ ގޮތުގައި އޮތް އެއްޗެއް، އަޅުގަނޑުމެންގެ އެއްޗެއް ވެސް ނޫން މިއީ، އަޅުގަނޑުމެން އައިޕެޑް ގަންނަން ވެގެނެއް ނޫން ގެނެފައިވަނީ. އޭރު ހުންނެވި ސެކްރެޓަރީ ޖެނެރަލް ޕްރޮޕޯސަލެއް ހުށަހަޅައިގެން ފިނޭންސްއަށް ވެސް ލިޔެގެން ކޮށްފައި އޮތް ކަމެއް އެއީ،" ފަޔާޒު ވިދާޅުވި އެވެ.
ފޯން އެލަވަންސްގެ މައްސަލައިގައި ކޮމިޝަންގެ މެންބަރު ފާރޫގު މިއަދު ވިދާޅުވީ މިހާރު ފޯންއެލަވަންސްގެ ގޮތުގައި ނަގަމުން ދަނީ މަހަކު ކޮންމެ މެންބަރަކު 1000ރ. ކަމަށާއި ކޮމިޝަންގެ މެންބަރުން ފޯނު އެލަވަންސްގެ ގޮތުގައި މީގެ ކުރިން ނަގަމުން ގެންދިޔަ ފައިސާ މިހާރު ނެގުން ހުއްޓާލައި އެ ފައިސާ ރައްދު ކުރަމުން ގެންދާ ކަމަށެވެ.
ކޮމިޝަނަށް ގަނެފައިވާ ފޯނުތަކާއި އަދި ބައެއް ލެޕްޓޮޕްތައް ގެއްލިފައިވާ މައްސަލައަށް ވެސް ފުއާދު ވަނީ މިއަދު އަލިއަޅުއްވާ ލައްވައި ވާހަކަ ދައްކަވައިފަ އެވެ. ވިދާޅުވީ ގެއްލުނު ލެޕްޓޮޕްތަކަށްވާ ފައިސާ ޒިންމާވާ މުވައްޒަފުންގެ އަތުން ނަގަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ފޯނުތައް ވެސް އެ ހަވާލުކޮށްފައިވާ ބޭފުޅުންގެ އަތުން ހޯދާ، ނޫނީ އެ ފޯނުގެ އަގަށް ފައިސާ އަތުލުމަށް ނިންމާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
"އެއީވެސް މި ކޮމިޝަންގެ ދުވަސްވަރު ކޮށްފައި އޮތް ކަމެއް ނޫން،" ފޯނުތަކުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލަށް ނިސްބަތް ކުރައްވާ ކޮމިޝަންގެ ބައެއް މެންބަރުން މިއަދު ވަނީ އޮޑިޓާ ޖެނެރަލަށް ނިސްބަތްވާ ގޮތައް ބައެއް ކަހަލަ ޒާތީ ވާހަކަތައް ވިދާޅުވެފަ އެވެ. އެ ވާހަކަތަކާ ގުޅޭ ގޮތުން މުގައްރިރު ނާޒިމް ވިދާޅުވީ މިއަދުގެ ކޮމެޓީގެ ބައްދަލުވުމުން އޮޑިޓާ ޖެނެރަލާއި ކޮމިޝަނާއި ދެމެދު ނުތަނަވަސް ކަމެއް އޮތް ނަމަ އެކަން ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ދެ މުއައްސަސާއެއްގެ ދެމެދުގައި މައްސަލަތަކެއް އޮތުން މިއީ ރަނގަޅުގޮތެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
ކޮމިޝަންގެ މެންބަރު މަނިކު ވިދާޅުވީ އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ކަންތައްތައް ކޮމިޝަންގެ ޖަލްސާއަކަށް ހުށަހަޅައިގެން ފަހަރަކު ކަމެއް ހައްލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އޮޑިޓް ރިޕޯޓުގައިވާ ގޮތަށް ކަންތައްތައް ހައްލު ކުރައްވާނެ ކަމަށެވެ.
ކޮމިޝަންގެ މެންބަރުން މިއަދު ވަނީ ހަރަދު ކުޑަކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޮޑިޓް ރިޕޯޓުގައި މައްސަލަތައް ފާހަގަ ކުރައްވާއިރު އެ ކަމެއް ހިނގި އަހަރު ފާހަގަ ކުރުން މުހިންމު ކަމަށް ކޮމިޝަންގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ ކޮމެޓީ ނިންމާލައްވަމުން ނާޒިމް ވިދާޅުވީ އިލެކްޝަންސްގެ އޮޑިޓް ރިޕޯޓާ މެދު މަޝްވަރާ ކުރުމަށް އޮޑިޓާ ޖެނެރަލާއި އެކު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އޮޑިޓާ ޖެނެރަލް ކޮމެޓީއަށް ވަޑައިގަތީ އޮބްޒާވަރެއްގެ ހައިސިއްޔަތުން ކަމުން ކޮމިޝަންގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވުމަށް އޮޑިޓާ ޖެނެރަލަށް ފުރުސަތުދެއްވާފައެއް ނުވެއެވެ.