03 Jul 2012, 14:47
ހުސްވެފައިވާ ފްރާންސްގެ ގައުމީ ކޯޗުކަން މާސޭގެ ކޯޗު އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ޑިޑިއޭ ޑިޝެމްޕަށް ދޭން ނިންމައިފި އެވެ.
މި ނިންމުމާއެކު ޑިޝެމްޕްވަނީ މާސޭއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ވެސް ބާތިލްކޮށްފަ އެވެ.
ފްރާންސްގެ ކޯޗުކަމުގައި މިހާތަނަށް ހުރި ލޯރަންޓް ބްލޮކްކަކީ ޑިޝެމްޕާއެކު ގައުމީ ޓީމަށް ކުޅެ ކާމިޔާބު ހޯދި ޑިފެންޑަރެކެވެ. އޭނާ ކޯޗުކަމުން ވަކިވީ ޔޫރޯ 2012ގައި ފްރާންސް ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
މާސޭއިން ނެރުނު ބަޔާނުގައި ވަނީ ކުރިއަށް އޮތް ސީޒަނުގައި ކޯޗުކޮށްދޭން އެއްބަސްވުމަށްފަހު ޑިޝެމްޕް އެކަން ދޫކޮށްލައިފި ކަމަށާއި ފާއިތުވެދިޔަ ތިން އަހަރު އޭނާ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނިމިދިޔަ ސީޒަނުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ޑިޝެމްޕް ވަނީ އޭގެ ކުރީ ދެ އަހަރު ފްރެންޗް ލީގާއި ކަޕް މާސޭއަށް ހޯދައިދީފަ އެވެ. 2009 ވަނަ އަހަރު މާސޭއާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ އިޓަލީގެ ޔުވެންޓަސް ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީފަ އެވެ.
ޑިޝެމްޕަކީ ފްރާންސް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގެ ކެޕްޓަނެވެ. އޭނާ އަށް ގައުމީ ޓީމު ހަވާލުކުރާނީ ފްރާންސްގައި 2016 ވަނަ އަހަރު ބާއްވާ ޔޫރޯގެ ނިޔަލަށެވެ.