ރާއްޖެ ޓީވީއަށް އަޕްލިންކްގެ ޚިދުމަތް ދިނުމުގައި ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށް ބުނާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަން ފަށައިފި އެވެ.

މީޑިއާ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ރާއްޖެ ޓީވީއަށް އަޕްލިންކް ކުރުމުގެ ހުއްދަ ނުދިން ކަަމަށް ބުނެ އިއްޔެ އެ ކައުންސިލަށް ރާއްޖެ ޓީވީން ހުށަހެޅި މައްސަލައެއް އިއްޔެ ބޭއްވި އެ ކައުންސިލްގެ ދެވަނަ ޖަލްސާއަށް އެޖެންޑާކޮށް އެކަމާ ބެހޭ ގޮތުން ކައުންސިލްގެ މެންބަރުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި މީޑިއާގެ މިނިވަން ކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އޮތް ނަމަ އެކަމެއް ނައްތާލަން ޖެހޭ ކަމަށް ހުރިހާ މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.

ހަލީލް ވިދާޅުވީ ރާއްޖެ ޓީވީއަށް އަޕްލިންކްގެ ހިދުމަތް ނުދީ އޮތީ ކީއްވެގެންތޯ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ބައްލަވާނެ ކަމަށާއި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބެލުމަށްފަހު ކައުންސިލުން ގޮތެއް ނިންމަވާނެ ކަމަށެވެ.

"ރާއްޖެޓީވީއަށް އަޕްލިންކް ދިނުމުގައި ލަސްވަމުންދަނީ ކީއްވެގެންތޯ ބެލުމަށް އަޅުގަނޑުމެން ދިރާސާ ކުރާނަން، އެއަށްފަހު ބުރާސްފަތި ދުވަހު ކައުންސިލުން ނިންމާ ގޮތެއް ހާމަ ކުރާނަން،" ހަލީލް ވިދާޅުވި އެވެ.

ރާއްޖެ ޓީވީއަށް އަޕްލިންކްގެ ޚިދުމަތް ދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދަތިކުރާ ކަމަށް ބުނާ މައްސަލަައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ރާއްޖެ ޓީވީއަށް އަޕްލިންގެ ހިދުމަތް ވަގުތުން ދިނުމަށް ގޮވާލާފަ އެވެ.

ރާއްޖެ ޓީވީއަށް އަޕްލިންގެ ހިދުމަތް ނުދީ ލަސްކުރަމުން ގެންދާ ކަމަށް ބުނެ އެ މައްސަލަ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.