ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބަށް ހަމަލާދީ އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާން އަންހެން ކުއްޖާ، ހަނާ އާއި ދެވަނަ ފުރުސަތުގެ ގައިދީ، އަހުމަދު މުއްރަތުގެ ޝަރީއަތް މެންދުރުފަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ސަންއޮންލައިނަށް އެނގިފައިވާގޮތުގައި ނަޖީބުގެ މަރާއިގުޅިގެން ހައްޔަރުކުރި އަހުމަދު މުއްރަތު، 29، އާއި އެގޭގައި ދިރިއުޅެމުން އައި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، ގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ހަމަޖެހިފައި ވަނީ މިއަދު 3:00 ގައެވެ.

އެމީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

އެދެމީހުން އިއްޔެ ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މުއްދަތު ޖެހުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މިދެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް މި ދެމީހުން މުއްދަތު މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ. އެ ދެމީހުންނަށް ޖަހައިދީފައި ވަނީ 15 ދުވަހުގެ ބަނދުގެ މުއްދަތެވެ.