އޮޑިޓާ ޖެނެރަލް މިހާތަނަށް ނެރުނު ހުރިހާ އޮޑިޓް ރިޕޯޓެގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ކުރިޔަށްދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އޮޑިޓް ރިޕޯޓެއް ނެރުމުން ވަކި މައްސަލައެއްގެ ގޮތުގައި އޭސީސީއަށް މައްސަލަ ނުވެއްދި ނަމަވެސް ރިޕޯޓު ނެރޭތާ ހަފުތާއެއްގެ ތެރޭގައި އެ ރިޕޯޓެއްގައި ހިމެނޭ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ފަށާ ކަމަށެވެ. މަޝްވަރާކުރުމަށްފަހު ރިޕޯޓްތަކުން ފާހަގަކުރެވޭ ކޮރަޕްޝްންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުތަކުގައި ހުރި ކޮރަޕްޝަންގެ ހުރިހާ މައްސަލަތަކެއް އޭސީސީން މިގެންދަނީ ބަލަމުން. އޮޑިޓް ރިޕޯޓެއް ނެރުމާގުޅިގެން އަޅުގަނޑުމެންނާއި ހަމަޔަށް އެއްވެސް ދިމާލަކުން [މައްސަލަ] ނައިކަމުގައި ވީނަމަވެސް ރިޕޯޓު ނެރޭތާ ލަސްވެގެން ހަފްތާއެއްގެތެރޭގައި އަޅުގަނޑުމެން އެބަ މަޝްވަރާކުރަން އެ ރިޕޯޓުގަ ހުންނަ ވަކިވަކި މައްސަލަތަކާ ގުޅޭގޮތުން. މަޝްވަރާކޮށްފަ އޭގަ ހުންނަ ކޮރަޕްޝަން ރިލޭޓޭޑް މައްސަލަތައް ތަހުގީގު ކުރަން. މިދިޔަ ހަފްތާއާއި ހަމަޔަށް ނެރުނު ހުރިހާ ރިޕޯޓެއް ވެސް މިހާރު ހުންނާނީ ތަހުގީގު ފެށިފަ،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަފްތާއާ ހަމަޔަށް ނެރެފައިވާ ހުރިހާ އޮޑިޓް ރިޕޯޓުތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ފަހު މީޑިއާތަކާއި ހިއްސާކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓާއި ގުޅިގެން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި މިހާތަނަށް ނެރުނު ރިޕޯޓްތަކުން ފާހަގަ ކުރެވިފައި ވަނީ ބޮޑެތި މައްސަލަތައް ކަމަށްވާތީ ތަހުގީގު ފުރިހަމަ ކުރުމަށް އަދި ދުވަސްކޮޅެއް ނާގާނެ ކަމަށެވެ.