ގދ. ފިޔޯރީ ރަށު ކައުންސިލަރަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އިއްޔެ ހަވީރު ފިޔޯރީން ހައްޔަރު ކުރީ އެ ރަށު ކައުންސިލްގެ އަމިއްލަ މެންބަރު އަހުޒަރު އަހުމަދު، 26 އެވެ. އޭނާ އެކު 18 އަހަރުގެ ކުއްޖަކު ވެސް ފުލުހުން ވަނީ އެ ރަށުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އިއްޔެ ފިޔޯރީ އަށް ދިޔަ ބޯޓެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބުލެޓް ސައިޒުގެ 15 ރަބަރު ޕެކެޓް ސިޓީ އުރަޔަކަށް ލައިގެން އެ ރަށަށް އެތެރެ ކުރަން އުޅުނު ކުއްޖާ އާއި ގުޅުން ހުރި ކަމަށް ބެލެވޭތީ ކައުންސިލަރު އަހުޒަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ކައުންސިލަރު ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެ ރަށަށް ދިޔަ ބޯޓަކުން ގެންދިޔަ ސިޓީ އުރައެއްގެ ތެރޭ، މަސްތުވާތަކެތި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ 15 ރަބަރު ޕެކެޓާ އެކު 18 އަހަރުގެ ކުއްޖަކު ހައްޔަރު ކުރީ. ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބުރަވެ، އެ ކުއްޖާއާ ގުޅުން ހުރި ކަމަށް ފެންނާތީ ކޯޓް އަމުރެއްގެ ދަށުން ކައުންސިލަރު ހައްޔަރު ކުރީ،" ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކާ ހަވާލުވެތިއްބަވާ ބައެއް ކައުންސިލަރުން ފަހަކަށް އައިސް ރަށްރަށުގައި ހިންގާ ކުށްތަކުގައި ބައިވެރިވަމުންދެ އެވެ. އެގޮތުން މަސްތުވާތެކެތީގެ މައްސަލަތަކާއި ބަދުއަހުލާގީ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގައި ބައިވެރިވި ކަމުގެ ކުށުގައި ކައުންސިލަރުން ހައްޔަރު ކުރުމަކީ އާންމު ކަމެކެވެ.