މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަކަށް ވަޑައިނުގަންނަވާ ކަމަށް ބުނެ ބ. އަތޮޅު ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ މެމްބަރު އުމެއިރާ އަބޫބަކުރު އެ މަގާމުން ވަކިކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އުމެއިރާ އެ މަގާމުން ވަކިވެފައިނުވާ ކަމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ކައުންސިލްގެ ހަތް ޖަލްސާއަކަށް ހާޒިރުވެފައި ނުވާ ކަމަށް ބުނެ އުމެއިރާ މަގާމުން ވަކިކޮށްފައިވާ އިރު ކައުންސިލުން ބޭއްވި ޖަލްސާތަކުގެ އެޖެންޑާތައް އުމެއިރާ އަށް ލިބިފައިނުވާ ކަމަށާއި އުމެއިރާ މަގާމުން ދުރުކޮށްފައި ވަނީ ރަސްމީ ބޭނުމެއްގައި ރަށުން ބޭރުގައި އުޅުއްވަނިކޮށް ތުޅާދޫ ކައުންސިލުން ބޭއްވި ޖަލްސާތަކަކީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް ބާއްވާފައިވާ ޖަލްސާތަކެއް ކަމަށެވެ.

ތުޅާދޫ ކައުސިލްގެ ޖަލްސާތަކަށް އުމެއިރާ ހާޒިރުވެފައިނުވަނީ މަގުބޫލް އުޒުރެއް ނެތި ކަމަށް ތުޅާދޫ ކައުންސިލުން ކަނޑައަޅާ އަންގާފައިވާ ކޮންމެ އެންގުމަކީ ގާނޫނާ ހިލާފު ބާތިލް ކަނޑައެޅުމެއް ކަމަށާއި އުމެއިރާއަކީ ކުރިއެކޭ ވެސް އެއްފަދައިން މިހާރު ވެސް ތުޅާދޫ ކައުންސިލްގެ މެންބަރެއް ކަމަށާއި އޭނާ އެކަންސިލްގެ މަގާމުން ވަކިވެފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ތުޅާދޫ ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ 3 ޖުލައި 2011 ވަނަ ދުވަހު ތުޅާދޫ ކައުންސިލްގެ މެންބަރުކަމުން އޭނާ ވަކިކޮށްފައިވާ ކަމަށް އެ ކައުންސިލުން އެންގުމާ ގުޅިގެން ވެސް ކައުންސިލްގެ ވަޒީފާ އަށް ނުކުމެވަޑައިގެންނަވަމުން ގެންދަވާތީ އޭނާގެ އެ މަގާމަކީ ޝައްހަ މަގާމެއް ނޫން ކަމަށާއި އުމެއިރާއަކީ އެކަންސިލްގެ މެންބަރެއް ނޫން ކަމަށް ކައުންސިލުން ބުނުމާ ގުޅިގެން އުމެއިރާ ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް ވެސް އުމެއިރާ އޮފީހަށް ނުކުންނެވި ނަމަވެސް އޭނާ އަށް މުސާރަ ދީފައިނުވާ ކަމަށް އުމެއިރާ ވިދާޅުވި އެވެ.

"ކޯޓުން މިހާރު މިވަނީ އަޅުގަނޑުގެ މަގާމަކީ ސައްހަ މަގާމެއް ކަމަށް ކަނޑައަޅައިފައި. މިއަދު ވެސް އަޅުގަނޑު ވަޒީފާ އަށް ނުކުތިން، ނަމަވެސް އެއް އަހަރާއި އެއް މަސްވެއްޖެ މުސާރަ ނުލިބޭތާ،" އުމެއިރާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އުމެއިރާ ވަނީ އިތުރު މައްސަލައެއް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެއީ ކައުންސިލްގައި މަސައްކަތް ކުރުމުގައި އޭނާ އަށް އޮފީސްތެރޭގައި ދަތިކުރަމުން ގެންދާތީވެ މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމުގެ އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ތުޅާދޫ ކޯޓުން އުމެއިރާގެ މަގާމަކީ ސައްހަ މަގާމެއް ކަމަށް ކަނޑައަޅާފައިވާ އިރު އެ މަގާމު ހުސްވެއްޖެކަން އެކަންސިލުން އިއުލާންކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެދާއިރާގެ ބައި-އިލެކްޝަން ވެސް އިޢުލާން ކުރި އެވެ. ނަމަވެސް ތުޅާދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެއް ބައި- އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރުނެވެ.