އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ބޭރު ގައުމުތަކަށް ވަޑައިގެން ކީރިތި ގުރުއާނަށް ފުރައްސާރަކުރައްވާ އިސްލާމް ދީނާއި ރާއްޖޭގެ އަގު ވައްޓާލައި އިގްތިސާދު ހަލާކުކޮށްލަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެ އެ ޖަރީމާތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރަށް ގޮވާލައި މެންބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ، ރައްޔިތުންގެ ފައިސާ ހަރަދު ކުރައްވައިގެން ކުރީގެ ރައީސް ނަޝީދު ބޭރު ގައުމުތަކަށް ދަތުރުފުޅުތައް ކުރައްވައި ގައުމާއި ރައްޔިތުންގެ އަގު ވައްޓާލަން ތަފާތު ވާހަކަ ދައްކަވައި ބޮޑެތި ޖަރީމާތައް ހިންގަވަމުން ގެންދަވާ ކަމަށެވެ. އެކަންތައްތައް ރާއްޖޭން ބޭރުގެ މީޑިޔާތަކާއި ރާއްޖޭގެ މީޑިޔާގެ ހަބަރުތަކުން ފާހަގަ ވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ނަގާލަން ތަކުރާރުކޮށް ނަޝީދު މަސައްކަތްކުރައްވައި ކީތިރި ގުރުއާނަށް ފާޑުވިދާޅުވެ ހަޖޫ ޖައްސަވާ ހިސާބަށް ދިއުމުން ކަމަށެވެ.

"މި މައްސަލަ ހުށަހެޅީ ދިވެހި ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް [ރައީސް ނަޝީދު] ހިޔާނާތްތެރިވެ ޣައްދާރުވަމުންދާތީ. ރާއްޖެ އާއި ބޭރުގެ މީޑިޔާތަކުން އެކަން ސާބިތުވެގެންދާނެ. ވެރިކަމުގައި ހުރެގެން ވެސް އިސްލާމްދީނުގެ އަގު ވައްޓާލަން ގެންދިޔައީ މަސައްކަތް ކުރަމުން،" މުއްތަލިބު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ނިންމަވައި، ރައީސް ނަޝީދަކީ ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ކަނޑައަޅައި ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެން ވަޑައި ނުގެންނެވޭނެ ބޭފުޅެއް ކަމަށް ކަނޑައެޅުމަށް ވެސް މުއްތަލިބު ވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ގޮވާލައިފަ އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، އިސްލާމް ދީނޭ ކިޔައިގެން ދައްކާ ވާހަކައަކީ އަސްލެއް އޮތް ވާހަކަ ތަކެއް ނޫން ކަމަށެވެ. އެންމެ ގިނަ ރައްޔިތުން ވަދެ ތިބި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެމްޑީޕީގެ މެނިފެންސްޓޯގެ އެންމެ ފުރަތަމަ މާއްދާއަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯންނާނެ ކަމަށާއި އިސްލާމްދީން ދަމަހައްޓާނެ ކަމުގެ ވައުދު ކަމަށެވެ.

" ރައީސް ނަޝީދު ކުރައްވާ ކަންތަކުން ރާއްޖެ އިޝްތިހާރުވުން ނޫން ކަމެއް ނުވޭ. އަޅުގަނޑުމެން ދިރި ތިއްބާ ފައްޅިއެއް ވެސް ނޭޅޭނެ. ދީނީގޮތުން އެޑްވާންޓޭޖް ނެގުމަށް ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަ ނުދެއްކުމަށް އެދެން. އަދި އެއްވެސް ވެރިއަކަށް އަދި ރިޔާސީ ކެނޑިޑޭޓަކަށް އިސްލާމްދީން ނޫން އެހެން ދީނެއް ރާއްޖެއަށް ޕްރޮމޯޓް ކުރުމަށް ވާހަކައެއް ނުދެއްކޭނެ. ޔަގީންކަން އަރުވަން އެމްޑީޕީގެ ވެރިކަމެއްގަ އިސްލާމްދީން ނޫން ދީނެއް [ރާއްޖޭގައި] ނޯންނާނެ ކަމަށާއި ފައްޅިއެއްނާޅާނެކަމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

ޑީއާރްޕީގެ މެންބަރު ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ، ދީން، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނެގޭ ތަން ފެންނަމުންދާ ކަމަށެވެ.

"ފެނިގެން މިދަނީ ރާއްޖޭން ބޭރުގައި ރާއްޖެ ބަދުނާމް ކުރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނެގިގެންދާތަން. މިކަން ފެނިފަ އެބަހުރި [ރައީސް ނަޝީދު] ވެރިކަން ހޯދަން އުޅުއްވި އިރު ވެސް. ވެރިމުގައި ތިބެގެން ވެސް. އަދި ވެރިކަން ބަދަލުވީމަ ވެސް. ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސްކަން ކުރައްވާފަހުރި އެއްވެސް ބޭފުޅަކު ގައުމުގެ މަސްލަހަތު ނަގާލައިގެން ނުވާނެ،" މައުސޫމު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރު ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު ވިދާޅުވީ، ރައީސް ނަޝީދު ރާއްޖޭން ބޭރުގައި ރާއްޖޭގެ އަގުވައްޓާލައި ރާއްޖެއަށް ޓޫރިސްޓުން ދަތުރު ނުކުރަން ވިދާޅުވަމުންދާ ވިދާޅުވުމަކީ ހަރުއަޑުން ކުށްވެރި ކުރައްވާކަމެއް ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދު އެމައްޗަށް ބަރޯސާވާ ޓޫރިޒަމުން ލިބޭ ފައިސާއިން ކުރީގެ ރައީސްކަން ކުރައްވާފައިވާ ފަރާތަކަށް ލިބޭ އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ހޯދައިގެންހުރެ ނަޝީދު މިހާރު ރާއްޖޭން ބޭރަށްކުރައްވާ ދަތުރު ތަކުގައި ރާއްޖޭގެ އަގު ވައްޓާލައި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުކޮށްލައި އާމްދަނީ ލިބޭމަގު ދިވެހިންނަށް މަހްރޫމުކޮށްލައި ރިޒްގަށް ހުރަސް އަޅަން ކުރާ މަސައްކަތް ކުށްވެރިކުރަންޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމށް ރައީސް ނަޝީދު ނުކުރައްވާ އެއްވެސް ކަމެއްނެތް ކަމަށެވެ. ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދަރުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީގަ 4.8 ބިލިޔަންގަ ދަރަނި އޮތީ. ނަމަވެސް ރައީސް ނަޝީދުގެ ތިން އަހަރުގައި ދަރަނި 23.6 ބިލިޔަނަށް އެރި. މާނައަކީ ކޮންމެ އަހަރަކު 6.26 ބިލިޔަނުން ރާއްޖެ ދިޔައީ ދަރުވަމުން،" ރިޔާޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރު އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމް ވިދާޅުވީ، އިސްލާމްދީނަށް މަލާމާތްކޮށް ކީރިތި ގުރުއާނަށް ޖޯކު ޖަހާނަމަ ރައީސް ނަޝީދެއް އެހެން މީހެއް ބަލަން ނުޖެހޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަންޖެހޭނެ ކަމަށެވެ. ކުރީގެ ރައީސް ނަޝީދު އެތައް ގޮތަކުން ރާއްޖެއަށް ހަރާންކޯރުވެވަޑައިގަންނަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީއާރްޕީގެ މެންބަރު ފުނަދޫ ދާއިރާގެ އަލީ ސަލީމް ވިދާޅުވީ ރާއްޖޭގައި އެހެން ދީންތައް އާލާކޮށް، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މައްސަލައަކީ އޭނާގެ ދާއިރާގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ސިއްރުން އެހެން ދީންތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.