03 Nov 2024, 23:56
ސީޒަން ނިންމުން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުޅޭ ޑަބްލިޔުޓީއޭ ފައިނަލްސްގެ ފުރަތަމަ މެޗު ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ކާމިޔާބުކޮށްފިއެވެ.
ސައުދީ އަރަބިއާގައި ކުރިއަށްދާ މިމުބާރާތުގެ ޕާޕަލް ގްރޫޕްއަށް ނިސްބަތްވި މިމެޗު ސަބަލެންކާ ކާމިޔާބުކޮށްފައިވާ ހަތްވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ޒެން ގިންވެންއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.
ސަބަލެންކާވަނީ މިހާތަނަށް ޒެންއާ ދެކޮޅަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން ހަތަރު ފަހަރު ކާމިޔާބު ހޯދާފައިވަނީ މިސީޒަންގައެވެ. ސަބަލެންކާވަނީ މިސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައިވެސް ޒެން ބަލިކޮށްފައެވެ. މިހާތަނަށް ޑަބްލިޔުޓިއޭ ފައިނަލްސްގެ ތަށި ކާމިޔާބު ކުރެވިފައިނުވާ ސަބަލެންކާ މެޗަށްފަހު ވަނީ އޭނާ މިމުބާރާތުގެ ތަށި ކާމިޔާބު ކުރުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަން ހާމަކޮށްފައެވެ. އަދި މިމުބާރާތަށް އޭނާ ވަނީ މުޅި ސީޒަންގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިކަމަށްވެސް އުމުރުން 26 އަހަރުގެ ސަބަލެންކާ ހާމަކުރިއެވެ.
މިގްރޫޕަށް ނިސްބަތްވާ އަނެއް ދެ ކުޅުންތެރިންކަމަށްވާ ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ އާއި ފަސްވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ ބައްދަލުކުރި މެޗު ސިދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ޕައޮލީނީއެެވެ. މިމެޗު ޕައޮލީނީ ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ފަތެއް ފަހަކުން އަދި ދެވަނަ ސެޓު ހައެއް ހަތަރަކުންނެވެ. މިސީޒަން ފެށިއިރު ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ރީބަކީނާއަށް މިސީޒަންގައި އަނިޔާ އާއި ބަލިވުމުގެ ސަބަބުން ވަނީ ކުޅުމަށް އަސަރުކޮށްފައެވެ. އޭނާ ވަނީ ސީޒަންގެ ފުރަތަމަ ހަތަރު މަސް ދުވަހު ފަސް ފައިނަލްގައި ވާދަކޮށްފައެވެ. ނަމަވެސް މިމުބާރާތަށް އައިސްފައިވަނީ ވޭތިވެދިޔަ ދެމަސް ދުވަހު އެއްވެސް މެޗެއް ނުކުޅެ ހުރުމަށްފަހުއެެވެ.
ރީބަކީނާއާ ޚިލާފަށް ޕައޮލީނީ ވަނީ ސީޒަން ކުރިއަށް ދިޔަ ވަރަކަށް ކުޅުން ރަނގަޅުކޮށް މިވަގުތު އަންހެން ކުޅުންތެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބާރަކަށް ވެފައެވެ. އަދި ސިންގަލްސްގެ އިތުރުން ޕައޮލީނީ އަންނަނީ މިމުބާރާތުގެ ޑަބަލްސްގައިވެސް ސާރާ އިރާނީ އާއެކު ވާދަކުރަމުންނެވެ. މިދެކުޅުންތެރިންވަނީ މިސީޒަންގައި އިޓަލީވިލާތަށް ޑަބަލްސް އިން އޮލިމްޕިކް ރަން މެޑަލް ހާސިލްކޮށްދީފައެވެ.
މިމުބާރާތުގައި ވާދަކުރާ އަނެއް ހަތަރު ކުޅުންތެރިންކަމަށްވާ ދެވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝުވާޓެކް، ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް، ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އަދި އަށް ވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެއިޗިކޯވާ ހިމެނިފައިވަނީ އޮރެންޖް ގްރޫޕްގައެވެ.
މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މިމުބާރާތަކީ މިހާތަނަށް ބޭއްވޭ ޑަބްލިޔުޓީއޭ ފައިނަލްސްގެ ތެރެއިން ފައިސާގެ އިނާމް އެންމެ ބޮޑުކޮށް ދެވޭ މުބާރާތަށްވާނެއެވެ. މިގޮތުން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ކުޅުންތެރިޔަކަށް އިނާމެއްގެ ގޮތުގައި 4.45 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ.