މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާބެހޭ ގޮތުން ކައުންސިލަރުން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ދިވެހި ރެޑް ކްރެސެންޓުގެ ބާއްވައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ގަވަނެންސްގެ ދައުރު ގެ ނަމުގައި އިއްޔެއާއި މިއަދު ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި އައްޑޫ އަތޮޅާއި ގދ އަތޮޅާއި ގއ އަތޮޅުގެ އިތުރުން ޏ އަތޮޅާއި ނ އަތޮޅާއި އއ އަތޮޅުގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރެޑް ކުރެސެންޓުން ބުނީ އެ މަސައްކަތު ބައްދަލުވުމުގައި ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި އެފަދަ ކަންތަށްތަކުގެ ސަބަބުން ކުރާ ގެއްލުންތަށް ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށް އަލި އަޅުވާލައިފައިވާނެ ކަމަށެވެ.

މިއީ ރެޑްކްރެސެންޓްގެ މިފަދަ ދެ ވަނަ ބައްދަލުވުމެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގެ ކައުންސިލަރުންނަށް އަމާޒުކޮށް ވެސް މި ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.