ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ކާމިޔާބީއާ އެކު ބޭއްވޭ މުބާރާތަކަށްވީ އިރު، ކުރިއަށް އޮތް 2020 ވަނަ އަހަރު މިމުބާރާތް މުޅި ޔޫރަޕަށް ފަތުރާލައިގެން ބޭއްވުމުގެ ވިސްނުމެއް މިހާރު ފަށާފައިވާ ކަމަށް ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓީނީ ވިދާޅުވެއްޖެ އެވެ.

ޕްލެޓިނީ ވިދާޅުވީ، ޔޫރަޕްގައި މިހާތަނަށް ބޭއްވޭ އަދި އެންމެ ސަރަފްވެރި މުބާރާތަކަށް "ޔޫރޯ ފުޓްބޯޅަ މުބާރާތް" ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވަރަށް ގިނަ ގުނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމުބާރާތުގެ ސަބަބުން މުޅިޔޫރަޕަށް ގިނަ ގުނަ ފައިދާތަކެއް ކުރަމުން އަންނަ ކަމަށާއި އެ ފައިދާތަކުގެ ސަބަބުން ޔޫރަޕްގެ ފުޓްބޯޅަ އަށް މުޅި ދުނިޔެ މިއަދު ލޯ ހުޅުވާލައިފައިވާ ކަމަށެވެ. އެހެން ކަމުން ޔޫއެފާ އިން މިހާރު ވިސްނަމުން އަންނަނީ މިމުބާރާތް މިހާރަށް ވުރެ، ބޮޑަށް ފުޅާކޮށް، ކުރިއަށް އޮތް 2020 ގައި މިމުބާރާތް މުޅި ޔޫރަޕަށް ފަތުރާލައިގެން ބެއްވުމަށް ކަމަށެވެ. އެގޮތުން އެންމެ ޤައުމެއް ނޫނީ ދެ ޤައުމެއްގައި މިމުބާރާތް ބޭއްވުމުގެ ބަދަލުގައި 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް މުޅި ޔޫރަޕްގެ ބާރަ ނުވަތަ ތޭރަ ސިޓީއެއްގައި ބޭއްވުމަށް ނިންމުމަކީ ރަނގަޅު ގޮތެއް ކަމަށް ވެސް ޕްލެޓީނީ ވިދާޅުވެފައިވެ އެވެ.

"ޔޫރޯ ޕުޓްބޯޅަ މުބާރާތަކީ ގިނަ ބައެއްގެ މަގްބޫލްކަން ދޭ މުބާރާތެއް. މިމުބާރާތް މިހާރަށް ވުރެ ފުޅާ ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ފީފާއިން ޤަބޫލް ކުރޭ. އެގޮތުން އެންމެ ޤައުމެއް ނޫނީ ދެ ޤައުމެއްގައި މިމުބާރާތް ބޭއްވުމުގެ ބަދަލުގައި ޔޫރޯ 2020 މުޅި ޔޫރަޕްގެ 12 ނުވަތަ 13 ސިޓީއެއްގައި ބޭއްވުމަށް މިދަނީ ވިސްނަމުން. އެއީ ރަނގަޅު ވިސްނުމެއް ކަމަށް ފުޓްބޯޅައިގެ މާހިރުން ގަބޫލް ކުރާނެ." ޕްލެޓިނީ ވިދާޅުވި އެވެ.

ޕްލެޓިނީ ވިދާޅުވީ، އެކަމާ ބެހޭ މަސްވަރާތައް ކުރިއަށް އޮތްތާގައި ބޭއްވޭނެ ކަމަށާއި އަދި އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.