ކުރިއަށް އޮތް ފަސް އަހަރަށް އޭސީ މިލާންގައި މަޑު ކުރުމަށް، ބްރެޒިލް ހުނަރުވެރި ޑިފެންޑަރު ތިއާގޯ ސިލްވާ ނިންމައި، އޭނާގެ ކޮންޓްރެކް އާކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ތިއާގޯ މިލާންގައި މަޑު ކުރުމަށް ނިންމި އިރު، އެކުލަބުން އޭނާ އަށް ވަނީ އަހަރަކު ހަ މިލިއަން ޔޫރޯގެ މުސާރައެއް ދޭން ވެސް ނިންމައިފަ އެވެ. މިއީ ކުރިން އޭނާ އަށް މިލާނުން ދެމުން އާ މުސާރަ އަށް އަށް ވުރެ، ދެ މިލިޔަން އިތުރު އަދަދެކެވެ.

މިލާންގައި މަޑު ކުރުމަށް ނިންމައި، މީޑިއާ އަށް ދީފައިވާ އިންޓަވިއުގައި ތިއާގޯ ބުނެފައި ވަނީ، ކުލަބާ އެކު އިތުރު ފަސް އަހަރު ދުވަހަށް އެގްރިމެންޓް އާކުރީ، ކުލަބުން އޭނާ އަށް ދެމުން އަންނަ އިނާއަތްތަކާއި އެނޫން ވެސް އިތުރު އޮފާތައް ކަމުދާކަމަށް ބުނެ އެވެ.

"މިލާގައި މަޑު ކުރަން ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހުރެ. މިލާނަކީ ކާމިޔާބު ޓީމެއް. އެކުލަބުން އަހަންނަށް ވަނީ ގިނަ އޮފަތައް ހުށަހަޅއިފައި. އެ އޮފާތަކާ މެދު އަހެރެން ވަރަށް ހިތްހަމަ ޖެހޭ. މިލާނާ އެކު އަހަރެން މިހިރީ ވަރަށް އުފަލުން،" މިލާނާ އެކު އިތުރު ފަސް އަހަރަށް މަޑު ކުރުމަށް ނިންމައި މީޑިއާ އަށް ދީފައިވާ އިންޓަވިއު ތަކުގައި ތިއާގޯ ބުނެފައިވެ އެވެ.

މިލާންގައި އިތުރު ފަސް އަހަރަށް ތިއާގޯ މަޑު ކުރި އިރު، އޭނާ ހޯދުމަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ދުނިޔޭގެ ބޮޑެތި ކުލަބު ތަކުން ވަނީ އަތްފުނާ އަޅައިފަ އެވެ. އެގޮތުން ތިއާގޯ ގެންދަން ފްރާންސްގެ ޕީއެސްޖީ އިން މިދިޔަ މަހުގެ ކުރީ ކޮޅު މަސައްކަތްތަކެއް ކުރި ކަމަުގައި ވިޔަސް، އޭގެ ނަތީޖާއެއް މިއަދާ ހަމައަށް ފެނިފައި ނުވާކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ހާމަ ވެގެން ގޮސްފަ އެވެ. އޭނާ ގެން ދިއުމަށް ޕީއެސްޖީ އިން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 46 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް، އެއަގަކީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ތިއާގޯއަށް އިގިފައި ނުވާ ކަމަށް، އޭނާގެ އެޖެންޓާ ހަވާލާދީ މިޑީއާ ރިޕޯޓް ތަކުގައި ބުނެފައިވެ އެވެ.

ތިއާގޯ ސިލްވާ އޭސީ މިލާނާ ގުޅިފައި ވަނީ ބްރެޒިލްގެ ފްލުމިނެންސޭ އިން 10 މިލިއަން ޔޫރޯއަށް 2008 ވަނަ އަހަރު އެވެ.