ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބަށް ހަމަލާދީ އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާން އަންހެން ކުއްޖާ، ހަނާ އާއި ދެވަނަ ފުރުސަތުގެ ގައިދީ، އަހުމަދު މުއްރަތުގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ނަޖީބުގެ މަރާ ގުޅިގެން، އޭނާ އަވަހާރަކޮށްލާފައި އޮތް މ. މަސްރޫރާ ގޭގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އެގޭ އަހުމަދު މުއްރަތު، 29، އާއި އެގޭގައި ދިރިއުޅެމުން އައި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، އެވެ. ދެ ލޯބިވެރިން ކަމަށް ބުނާ މިދެ މީހުންގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރަން ފޮނުވީ ނަޖީބު އަވަހާރަކޮށްލާފައި އޮއްވާ ފެނުނުތާ 48 އަށް ގަޑިއިރު ވެސް ނުވަނީހެވެ. މީގެ ކުރިން މިފަދަ މަރެއްގެ މައްސަލައިގައި އަވަހަށް ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވާފައި ވަނީ ވަޅިން ހަމަލާދީ ކުރީގެ ފިރިމީހާ މަރާލި، ނަޒާހާގެ މައްސަލަ އެވެ.

ފުލުހުން ބުނީ ހަނާ އާއި މުއްރަތުގެ މައްސަލަ ޕީޖީ އަށް ފޮނުވީ މިއަދު ހެނދުނު ކަމަށެވެ.

ސަބްއިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ އެ މައްސަލަ ޕީޖީއަށް ފޮނުވީ ތަހުގީގު ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ކަމަށާއި އަދި އެމައްސަލައިގައި ބޭނުންވާ ވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މާރާމާރީ އާއި މަރުގެ އެހެން މައްސަލަތަކާ ޚިލާފަށް ނަޖީބުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ވަރަށް ހެއްކާ ގަރީނާ ލިބިފައިވާ ކަމަށާއި އަދި ތަހުގީގުގައި ހަނާ އާއި މުއްރަތު ވެސް ނަޖީބު މަރާލުމުގައި އަމަލީ ގޮތުން ބައިވެރި ވެފައިވާ ކަމަށް ތަހުގީގުގައި އިއުތިރާފުވެފައިވާ ކަމަށެވެ. ތަހުގީގު އަވަހަށް ނިމުނީ އެހެންވެގެން ކަމަށެވެ.

"ވަކި މައްސަލައެއް ވީމައެއް ނޫން އަވަސްވީ. އެ ދެ މީހުން މައްސަލައިގައި އިއުތިރާފްވެފައިވާތީ އާއި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ލިބިފައި ހުރުމުން މައްސަލައިގެ ތަހުގީގު އަވަސްވީ،" ހަނީފް ވިދާޅުވި އެވެ.

ނަޖީބު އަވަހާރަކޮށްލުމުގައި ހަނާ އާއި މުއްރަތު، އަމަލީ ގޮތުން ބައިވެރިވި ކަމަށް އިއުތިރާފުވި ކަމަށް ފުލުހުން ބުނެފައި ވިޔަސް އެދެމީހުންގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރި ޗިޓްގައި މައްސަލައިގެ ބާވަތް ކަމަށް ބުނަނީ ގަސްދުގައި މީހަކު މަރާލުމެވެ. އަދި ބުނެފައި ވަނީ މިދެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް މި ދެމީހުން ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

ހަނާ އާއި މުއްރަތުގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު އެދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މަރުގެ އެ މައްސަލައިގައި ހައްޔަރު ކުރި މުއްރަތަކީ ދެވަނަ ފުރުސަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު 18 ވަނަ ދުވަހު ދޫކޮށްލާފައި ހުރި މީހެކެވެ. އަދި އޭނާ ދޫކޮށްލި އިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި 12 އަހަރު ދުވަހުގެ ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި މަސްތުވާތަކެތީގެ އިތުރު ދެ މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ވަނީ 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ބޮޑެތި ކުށްތަކެއް ރިކޯޑް އޮންނަ މުއްރަތު މުޖުތަމައުގެ ތެރެއަށް ދޫވެފައި ވަނީ ދެވަނަ ފުރުސަތުގެ ޝަރުތު ހަމަނުވަނީ މިނިވަންކޮށްފައިވާ 218 މީހުންނާއެކު ކަމަށް ސަން އަށް ވަނީ ކަށަވަރުވެފަ އެވެ. މަރާ ގުޅިގެން މުއްރަތު ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުވެގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މަސްރޫރާގޭގައި ޑެގް އަޅައިގެން ހަދާފައިވާ ބައެއްގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އަވަހާރަ ކޮށްލާފައި އޮއްވައި ނަޖީބް ފެނުނީ މިދިއަ އާދީއްތަ ދުވަހުގެ ރޭ އިރާކޮޅު އެވެ.

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމަށްފަހު ފަހު ނަޖީބުގެ ހަށިގަނޑު ވައްޓާލާފައި އޮތީ އެގޭގެ އެންމެ އެތެރޭގައި ހުރި ބޮޑު ޑަސްބިނެއްގެ ތެރެއަށެވެ. ޑަސްބިންގެ ތެރޭގައި އޮތީ މޫނުގައެއް އެއްޗެއް އަޅުވާފަ އެވެ. ނަޖީބުގެ މޫނުމަތި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮތުމުން ކާކުކަން ވަކި ކުރަން ނޭނގޭ ވަރުވެފައިވާ ކަމަށް ވެސް ނަޖީބުގެ ހަށިގަނޑު ނެރުނު ވަގުތު މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ނަޖީބުގެ އަވަހާރަކޮށްލުމާ ގުޅިގެން، އެ ހަމަލާދިން ބަޔަކު ހޯދާ ގާނޫނުގައި ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށް ސުޕްރީމް ކޯޓާއި ޖޭއެސްސީ އާއި އޭޖީ އޮފީހާއި ރާއްޖޭގެ ސިޔާސީޕާޓީތަކާއި ވަރަށް ގިނަ މުއައްސަސާތަކުން ވަނީ ގޮވާލާފަ އެވެ.

ރާއްޖޭގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވަރަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު މިއަހަރުގެ ތެރޭގައި ހަތް މީހަކަށް ވަނީ ހަމަލާދީ މަރާލާފަ އެވެ.