ޕަސް ކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ތިން ވަނަ ސެމީ ފައިނަލުން މޮޅު ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ފައިނަލުގެ ފަހު ޖާގައި ޕޮލިސް ކުލަބުން ކަށަވަރު ކުރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބް ޕޯލް ސްޓާއާވާ ދަކޮށް 3-1 ސެޓުން މޮޅުވެގެން ނެވެ.

މެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، ފުރަތަމަ ދެ ސެޓް 25-15، ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. ދެ ވަނަ ސެޓް 25-19 އިން ކާމިޔާބު ކުރީ ވެސް ޕޮލިހުންނެވެ. އަދި މެޗުގެ ތިން ވަނަ ސެޓް 27- 25 އިން ޕޯލް ސްޓާ ކާމިޔާބު ކުރި އިރު، ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-13 އިންނެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ ކެޕްޓަން އާގިލާ ހާމިދު އެވެ.

މިމަހުގެ އެއް ވަނަ ދުވަހު ކުޅުނު ފުރަތަމަ ސެމީ ފައިނަލުން މޮޅުވެ ފައިނަލުން ޖާގަ ލިބެން އޮތް ނަމަވެސް އެމެޗުން ޕޮލިސް ކުލަބު ވަނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބާއިވާ ދެކޮށް 3-1 ސެޓުން ބަލިވެފަ އެވެ. މިއީ 2007 ވަނަ އަހަރު ވާދަވެރި މުބާރާތެއްގެ ސެމީ ފައިނަލް މެޗަކުން ޕޮލިސް ކުލަބު ބަލިވިފަހުން ބަލިވި ފުރަތަމަ މެޗެވެ.

ޒުވާނުންގެ މަޒުކަޒު އިންޑޯ ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު ހަ ވަނަ ފަހަރަށް މުބާރާތުގެ ތަށި ކާމިޔާބުކުރުމުގެ އަޒުމުގައި ނުކުންނަ ޕޮލިސް ކުލަބާއި ފައިނަލުގައި ވާދަކުރާނީ ފުރަތަމަ ސެމީފައިނަލުގައި ޕޮލިސް ކުލަބާއި ވާދަކޮށް މޮޅުވި އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ.