އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އިންޓާނޭޝަނަލް އެފެއާޒް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު، އަދި ނައިބު މުގައްރިރަކަށް އެމްޑީޕީގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސައިފި އެވެ.

އެމްޑީޕީން ބުނީ މި ދެ ބޭފުޅުން އެމަގާމަށް ހޮވިވަޑައިގެންފައިވަނީ އިއްޔެ ބޭއްވި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ. މި ދެ މެންބަރުންގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ އިތުރު މެންބަރުންނަކީ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގެ ހެލްތް މިނިސްޓާ ޑރ. އާމިނަތު ޖަމީލާއި ޝުއައިބު އަލީ އެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީ ހިންގާނޭ ގޮތް ކަނޑައެޅުމާއި ކޮމިޓީގެ ކޯރަމް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެކޮމިޓީގެ ކޯރަމަކީ ތިން މެންބަރުން ކަމުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ހަތަރު މެމްބަރުން ހިމަނައިގެން ކަންކަން ނިންމުމަށާއި މިގޮތުން ފޯން ސްކައިޕް އަދި އީމެއިލް ފަދަ މުވާސަލާތްތައް މެދުވެރިކޮށް ކޮމެޓީގެ ނިންމުންތަކާމެދު ކޮމެޓީއަށް ހާޒިރުވެވަޑައި ނުގެންނެވޭ މެންބަރެއް ދެކެވަޑައިގަންނަވާ ގޮތް ކޮމެޓީއަށް ހޯދުމަށްފަހު ކޮމެޓީއިން ގޮތެއް ނިންމިދާނެ ކަމަށް އިއްޔެގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ޕާޓީގެ އެއްވެސް މެމްބަރަކާއި މެދު ފިޔަވަޅު އަޅާނަމަ އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ މަޝްވަރާ ހޯދުމަށާއި އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން އެބައްދަލުވުމުގެ އެޖެންޑާއާއި ގުޅޭ ލިޔެކިޔުންތަކާއި އަދި އެބައްދަލުވުމުގެ ކުރީ ދުވަހުގެ ޔައުމިއްޔާ ކޮމެޓީން މެމްބަރުންނަށް އީމެއިލް ކުރުމަށް ވެސް ނިންމި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.