ބަރަބޮލުގެ ތެރޭގައި ފޮރުވައިގެން ފުވައްމުލަކަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މި މައްސަލައިގައި އިއްޔެ ހައްޔަރު ކުރީ 19 އަހަރުގެ ޒުވާނެއް ކަމަށާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ އަށް ޕެކެޓާއެކު އޭނާ ހައްޔަރުކުރީ އައްޑޫން ފުވައްމުލަކަށް ދިޔަ ލޯންޗަކުން ފޭބި ވަގުތު ބަނދަރު ސަރަހައްދުން ކަމަށެވެ.

ހައްޔަރު ކުރި މީހާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތައް ފެނިފައިވަނީ އޭނާ ހިފައިގެންދިޔަ ތަރުކާރީ ގޯއްޏެއް ބަލައި ފާސްކުރުއިރު، ގޯނި ތެރޭ އޮތް ދެ ބަރަބޮލުގެ ތެރެއިންނެވެ. ފުލުހުން ބުނީ އެއް ބަރަބޯ ފަޅައިގެން ބެލިއިރު ބްލެޓް ސައިޒްގެ ފަސް ޕެކެޓް ފެނިފައިވާއިރު އަނެއް ބަރަބޯ ތެރެއިން ބުލްޓް ސައިޒުގެ ތިން ޕެކެޓް ފެނިފައިވާ ކަމަށެވެ.