ތަކެތި ގަތުމާއި ޕްރޮޖެކްޓްތައް ދިނުމުގައި ބީލަމަށް ނުލައި ބައިބަޔަށް ބަހާލައި އަގު ކުޑަކޮށްގެން ސަރުކާރުގެ އޮފީސްތަކުން ބައެއް މުދާ ގަނެ ޕްރޮޖެކްޓްތައް ހަވާލުކުރުން އާންމުވެފައިވާތީ އެ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ސީރިއަސްވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީގެ 31 ވަނަ ޖަލްސާގައި ޓްރާންސް ޕޯޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ މެދު އޮޑިޓް އޮފީހުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވަމުން ކޮމެޓީގެ މުގައްރިރު ދިއްދަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ 8.15 އާ ހިލާފަށް އެކި ބައިބަޔަށް ބަހާލައިގެން ބައެއް މުދާ ގަނެ އަދި ބައެއް ޕްރޮޖެކްޓްތައް ވެސް ބައި ބަޔަށް ބަހާލައި އަގު ކުޑަކޮށްގެން ބައެއް އޮފީސްތަކުން ހަވާލުކުރަމުންދާ ކަމަށާއި އެކަން މިހާރު އާންމު ކަމަކަށްވެފައިވާ ކަމަށެވެ.

"މާލިއްޔަތު ގަވާއިދުގެ 8.15 އާ ހިލާފަށް އޮފިސްތަކުން ތަކެތި ގަނެ މަސައްކަތް ކުރުވާކަން މިއޮންނަނީ ވަރަށް އާންމުކަމަކަށް ވެފައި، އެކަމަށް އެބަޖެހޭ ބޯލްޑް ފިޔަވަޅުތަކެއް އެޅެން، އެއީ ޕީޖީ އެބަ އޮވޭ ހަމަ މި މާއްދާއާ ހިލާފުވެގެން ގއ. އަތޮޅު ކައުންސިލަރުންތަކެއް ކާޕެޓް ގަނެފައިވާތީ އެ ބޭފުޅުންނަށް ދައުވާ ކުރައްވާފައި، އެކަމަކު ޕީޖީވެސް އެބަ އޮވޭ މިގޮތައް އަމަލުކުރައްވާފައި،" ނާޒިމް ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނުގެ 8.15 ގެ (ހ) ގައި ބުނަނީ އެއްފަހަރާ ގަންނަންޖެހޭ ތަކެތީގެ ޖުމްލަ އަގު 25000ރ. އަށް ވުރެ ބޮޑުވާ ނަމަ އެތަކެތި ގަންނަންވާނީ އާންމުކޮށް އިއުލާން ކޮށްގެން ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓު ގައި ފާހަގަކޮށްފައިވާ ގޮތުން ރީޖަނަލް އެއާޕޯޓްތަކަށް ގަންނަންޖެހުނު ބައެއް ތަކެތި ގަނެފައި ވަނީ 25000ރ. އަށް ވުރެ ބޮޑުވުމުން ބައިބަޔަށް ބަހާލައި އިއުލާން ކުރުމަކާއި ނުލައި ވާދަވެރި ބީލަމެއް ވެސް ނެތި އެވެ.

ކޮމެޓީގައި ބައެއް މެންބަރުން މިއަދު ވިދާޅުވީ އެ މައްސަލަ ވަރަށް ގިނަ އޮފިސްތަކުގެ އޮޑިޓްތަކުން ފާހަގަވާއިރު އެއީ ގަވާއިދުގެ މައްސަލައެއް ކަމަށް ވެދާނެ ކަމަށާއި ގަވާއިދުގައި ބީލަމަށް ހުޅުވާލުމަށް ބުނެފައިވާ އަދަދު ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން މިއަދުގެ ކޮމެޓީއަށް ވަޑައިގެން އޮޑިޓް އޮފީހުގެ ސީނިއާ އޮޑިޓް މެނޭޖާ ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މިހާރު އޮތް ގަވާއިދު މިވަގުތައް ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް ރިޕޯޓުން މައްސަލައެއް ފާހަގަވާ ނަމަ އެކަން ފިޔަވަޅު ނާޅައި ދޫކޮށް ނުލައްވާނެ ކަމަށެވެ.

"އެމެޖެންސީކޮށް އެއްޗެއް ގަންނަންވިޔަސް އޮވޭ ގަވާއިދުގައި އެކަން ކުރެވޭނެ ގޮތެއްވެސް، އެއީ އެހެންވެގެން ކަމަކަށް ގަބޫލެއް ނުކުރެވޭ އެގޮތައް ބައިބަޔަށް ބަހައިގެން އެއްޗިހި ގަނެފައި ހުރީކީއެއް، އެހެންވީމަ އަޅުގަނޑަށް މި ވަގުތު ދަތި ކޮން ފިޔަވަޅެއްކަން އެޅޭނީ ބުނަން، އެކަމަކު ތިބޭފުޅުން ރެކޮމެންޑް ކުރެއްވުން ވަރަށް މުހިންމު މިވެނި ފިޔަވަޅެއް އަޅަން،" އޮޑިޓް މެނޭޖާ ވިދާޅުވި އެވެ.