ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިހަށް ހުށައެޅުއްވި، އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖުނެގުމާ ގުޅޭ ގާނޫނަށް ހުށައެޅި އިސްލަހުގެ ބިލް މިއަދު އަނބުރާ ގެންދަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު މިއަދު އިއުލާނުކުރެއްވީ ނަޝީދު ހުށައެޅުއްވި އިސްލާހު އޭނާ އަނބުރާ ގެންދިއުމަށް ބޭނުންފުޅުވާތީ އެ އިސްލާހު މަޖިލިހުން ކުރިއަށް ނުގެންދަވާނެ ކަމަށެވެ.

އެއާޕޯޓް ސާވިސް ޗާޖުނެގުމާ ގުޅޭ ގާނޫނަށް ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ޓެކުހެއް ނުވަތަ އެއްވެސް ފީއެއް އަގެއް ނުވަތަ އުޖޫރައެއް ނުވަތަ ފައިސާއެއް އެއްވެސް އެއާޕޯޓަކުން ނަގާ ނަމަ ގާނޫނަށް އަމަލުކުރުމަށް ފެށުމާ އެކު އެ ފީއެއް، އަގެއް ނުވަތަ އުޖޫރައެއް ނެގުން ހުއްޓާލަން ވާނެ އެވެ.

އޭރު ގާނޫނަށް އެ އިސްލާހު ހުށައެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާޕާޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނެގުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ފައިސާ ނެގޭ ގޮތް ވަނީ ނުވެފަ އެވެ.

ނަމަވެސް ޖީއެމް އާރުން އެންމެ ފަހުން ސަރުކާރަށް ފައިސާ ދެއްކީ އޭޑީސީގެ ގޮތުގައި ޖީއެމްއާރުން ނަގަން ކަނޑައެޅި ފައިސާ އުނިކުރުމަށް ފަހު އެވެ.

އެއާރޕޯޓްސް ކޮމްޕެނީ އިން ބުނެފައި ވަނީ އެ ފައިސާ ޖީއެމްއާރަށް އުނި ނުކުރެވޭނެ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.