20 Aug 2010, 09:21
14:00
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ، އެރަށަކީ ގާތުގައި އޮންނަ ރަށަކާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި ކަނޑައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅޭ ވިސްނުމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި އެގޮތަށް ހިންގެން ހުރި ކިތަންމެ ރަށެއް ފެންނަން އެބަހުރި ކަމަށާއި، އެގޮތަށް ހަމަޖެއްސިއްޖެނަމަ، އޭގެ ސަބަބުން ކިތަންމެ އިޤްތިޞާދީ ފައިދާއެއް އަދި އިޖްތިމާޢީ ކުރިއެރުންތަކެއް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރަށް ލަފާކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް ސަރުކާރުން ހިންގަން ބޭނުންވަނީ، ވީހާވެސް ގިނަ ފަރާތްތަކަކާ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވެ، އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގަޔާއި، ނޭޝަނަލް ޕްލޭނިން ކައުންސިލްގައި މިމަޝްވަރާތައް ކުރައްވައިފި ކަމަށާއި، އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއެކު ހާއްސަކޮށް ޑީއާރުޕީއާއެކު މަޝްވަރާކުރައްވަން ވަރަށް ބޮޑަށް އެދިވަޑައިގެންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލާމަރްކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ބާއްވާ ލޯކަލް ގަވަންމަންޓް އިންތިޚާބަށް ބައްލަވައިލައްވަމުން، އެ އިންތިޚާބުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ކަތީބުން އިންތިހާބު ކުރުމަށް ވަކާލާތު ކުރަމުން ގެންދިޔަ ގެންދިޔުން ހަޤީޤަތަކަށް ހެދުން ކަމުގައި ވިދާޅުވި އެވެ. އަދި ކައުންސިލަރުން ތިއްބަވާއިރު، ކަތީބުންނަކީ އިދާރީ އޮނިގަނޑުގެ ތެރޭގައި ފަހުން އައިސް ހިމެނޭނެ މަގާމެއްތޯ ނުވަތަ ނޫންތޯ ބަލަން އެބަޖެހޭ ކަމަށާއި، މިއީވެސް އިތުރަށް މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކައުންސިލްތައް އިންތިޚާބު ކުރުމާއެކު، އިތުރު މަސައްކަތްތައް ހިންގަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރަށުއޮފީހުގެ މަސައްކަތްތައް ރޭވުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ލާމަރްކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ އިންތިޚާބު ބާއްވާއިރު، އިލެކްޝަންސް ކޮމިޝަނާއެކު ވެސް ސަރުކާރުން މަޝްވަރާތައް އިތުރަށް ހިންގަވަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރަށްރަށުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތުގައި ސިވިލް ސަރވިސް ކޮމިޝަނާ ވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.