ބިޒްނަސް އެލަޔަންސް މޯލްޑިވްސް އިން ހިންގާ ޓޫރިސްޓް ހޮޓަލަކުން ތިރީސް ހާހަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ އެކުންފުނިން ހިންގާ "ދަ ބުރީޒް އިން އެޓް ވިލާ ޝަބްނަމީ" އިން އެޑިޝަނަލް ޓޫރިޒަމް ޓެކްސްގެ ގޮތުގައި އެކި ފަހަރުމަތިން ސަރުކާރަށް ދައްކަންޖެހި ނުދައްކާވާ ފައިސާ އާއި އަދި ޓުރިޒަމް ޓެކްސް ޝީޓް ކަނޑައެޅިފައިވާ ތާރީޚަށް ހުށަ ނާޅައިގެނެވެ.

ހުކުމް ކޮށްފައި ވަނީ ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދެއްްކުމުން ޖޫރިމަނާއަށް އަރާފައިވާ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން އެކުންފުނީގެ މައްޗަށް ދައުވާކުރި މައްސަލަ ބެލުމަށް ފަހު އިއްޔެ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ސޮއިކުރައްވާ އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ އެޑިޝަނަލް ޓެކްސްގެ ގޮތުގައި ދައްކަންޖެހި މިހާތަނަށް އެ ހޮޓަލުން ނުދައްކާވާ 1،064 ޑޮލަރާއި ޓުރިޒަމް ޓެކްސް ޝީޓް ކަނޑައެޅިފައިވާ ތާރީޚަށް ހުށަނޭޅުމުން ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމާނާގެ ގޮތުގައި އަރާފައިވާ 16،162.50ރ. އަކީ ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއްކަމަށް އެ ކުންފިނިން ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށެވެ.

އެހެންކަމުން ސަރުކާރަށް އެފައިސާ ދެއްކުމަށްޓަކައި ދެ މަސްދުވަހުގެ ތެރޭގައި އެފައިސާ މީރާއަށް ދައްކައި ހަލާސްކުރުމަށް ބިޒުނަސް އެލަޔަންސްގެ މައްޗަށް ހުކުމްކުރާ ކަމަށް އެ ހުކުމްގައި ވެއެވެ.