03 Jul 2012, 10:52
ވިކްޓަރީ ސްޕޯޓްސް ކުލަބްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒް (އަޔާ) ބުނީ، ވިކްޓަރީގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް މިއަދު ހަވީރު 4:00 ޖަހާއިރު ޓާފް އެއް ނަންބަރު ދަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ދުވަހާ ގުޅޭ ކޭކު ފެޅުން ވެސް އޮންނާނެ ކަމަށެވެ. އަދި ދުވަހާ ގުޅޭ ގޮތުން ރަހުމަތްތެރިކަމުގެ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އަޔާ ބުންޏެވެ.
ވިކްޓަރީގެ 41 ވަނަ އަހަރީ ދުވަސް، އެ ޓީމުން މިއަދު ފަހަގަ ކުރަމުން އަންނަ އިރު، މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުޅޭވޭ އެންމެ ބޮޑު އެއް މުބާރާތް ކަމުގައިވާ ދިރާގް ދިވެހި ލީގުގައި ވިކްޓަރީ އޮތީ ދެ ވަނައިގަ އެވެ.
ސީޒަންގެ އެއް ވަނާގައި ވާދަވެރި ނިއުރޭޑިއަންޓު އޮތް އިރު، މިއަހަރަކީ ވިކްޓަރީ އަށް ތަފާތު ގިނަ މަރުހަލާތަކާ ކަޑަތުކުރަން ޖެހުނު އަހަރެއް ކަމަށް ވެސް އެކުލަބުން ވަނީ ބުނެފަ އެވެ. އެގޮތުން ވިކްޓަރީ އުފެއްދުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި އެ ކުލަބުގެ ބާނީ މައިނާ އިބްރާހީމް ރަޝީދު ވަނީ ހުސްވި މަހުގެ އެއް ވަނަ ދުވަހު އަވަހާރަވެފަ އެވެ. އަދި ވިކްޓަރީ އަށް ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ކާމިޔާބު ހޯދައިދީފައިވާ ކޯޗް އަލީ ސުޒޭނަށް ވެސް ވަނީ ފިއްތުންތަކަކާއި ކުރިމަތި ލާންޖެހިފަ އެވެ. އެއީ އޭނާ އަށް ކުރިމަތިވި ސަސްޕެންޝަންގެ ސަބަބުން ނެވެ.
ވިކްޓަރީ އުފެއްދީ 3 ޖުލައި 1971ގަ އެވެ.