ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ރީތިރަށް ރިސޯޓުން ހުޅުވާފައިވާ ދެ އެކައުންޓަކުން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފައިވާ ކަމަށް ބުނެ ރީތިރަށް ރިސޯޓުން ބީއެމްއެލްގެ މައްޗަށް ދައުވާކޮށްފި އެވެ.

ރީތިރަށް ރިސޯޓުން ކުރި ދައުވާގައި ބުނަނީ އެ ރިސޯޓުން ބީއެމްއެލްގައި ހުޅުވާފައިވާ ދެ އެކައުންޓުން ޖުމްލަ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ރިސޯޓަށް ނޭނގި ބީއެމްއެލް އިން އުނިކޮށްފައިވާ ކަމަށެވެ.

އެ ދައުވާގައި ބުނަނީ އެ ރިސޯޓަށް ނާންގައި އެ ފައިސާ އުނިކޮށްފައިވާތީ އެ ފައިސާތައް ދެ އެކައުންޓަށް ޖަމާކޮށްދިނުމަށް ބީއެމްއެލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދޭ ކަމަށެވެ.

އެފަދަ އަމުރެއް ނެރެދިނުމަށް ދައުވާކޮށްފައިވާ އިރު ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ރީތިރަށް ރިސޯޓުން އެދުނެވެ. ވަގުތީ އަމުރުގައި ވެސް އެދިފައި ވަނީ ދައުވާގައި އެދިފައިވާ ފަދައިން އެ ފައިސާ އެކައުންޓަށް އަނބުރާ ޖަމާ ކޮށްދިނުމަށް އަމުރު ކޮށްދިނުމަށެވެ.

ސިވިލް ކޯޓުގެ ގާޒީީ އަބްދުﷲ ޖަމީލު މޫސާ ސޮއިކުރައްވައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ވަގުތީ އަމުރެއް ނެރެން ވާނީ އެ މައްސަލައެއްގެ ޝަރީއަތް ނިމުމުގެ ކުރިން ކޯޓުން ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފި ނަމަ މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ފެންނަ ނަމަކަމަށެވެ.

އެހެންކަމުން ރީތިރަށް ރިސޯޓުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރަކީ ވަގުތީ އަމުރުގެ ދާއިރާގެ ބޭރުން މައްސަލައިގައި ކުރެވޭ ހުކުމްގެ ނަތީޖާ ހާސިލުވެދާނެފަދަ އަމުރަކަށްވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ސަލްޓަންސް އޮފް ދަ ސީސް އަށް ބިއެމްއެލް އިން ނަގާފައިވާ ލޯނުގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމްކޮށްފައިވާ ކަމަށާއި އެ ލޯނަށް ގެރެންޓީ ދީފައިވާ ފަރާތަކީ ރީތި ރަށް ރިސޯޓް ކަމަށާއި އެ ލޯންގެ ފައިސާ ދެއްކުމަށް ކޯޓުން ކޮށްފައިވާ އަމުރަށް އެ ފަރާތުން އަމަލުކޮށްފައި ނުވާތީ، ގެރެންޓީ ދީފައިވާ ފަރާތް އެކަމަށް ޒިންމާ ވާން ޖެހޭނެ ކަމަށެވެ. އަދި ދެ ފަރާތް އެއްބަސްވެފައިވާ ގޮތުން ލޯން ނެގި ފަރާތުން ފައިސާ ނުދެއްކުމުން އެ ފައިސާ ކެނޑުމުގެ އިހުތިޔާރު ބޭންކަށް ލިބޭ ކަމަށެވެ.