03 Jul 2012, 10:46
ހުޅުމާލޭގައި މަސްބަނދަރެއް ތަރައްގީކޮށް އެ ތަނުގައި މަސްވެރިނަށް ހިދުމަތްތަކެއް ދިނުމަށް ޓަކައި ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް މެރިން ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުހައިލް އަހުމަދު މިއަދު ވިދާޅުވީ މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ދިވެހި ތިން ކުންފުއްޏަކުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން މޯލްޑިވްސް މެރިން ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ބީލަންތައް ދިރާސާ ކުރުމަށް ފަހު އެއީ އެކަމަށް އެންމެ ގާބިލު ފަރާތް ކަމަށް ފެނިގެން ކަމަށެވެ.
"އަޅުގަނޑުމެން މޯލްޑިވްސް މެރިން ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ އެންމެ އަގު ހެޔޮކޮށް މަސްވެރިނަށް އެތަނުގައި ހިދުމަތް ދެއްވާނީ އެ ފަރާތްތަކަށް ކަމަށްވާތީ،" ޝުހައިލް ވިދާޅުވި އެވެ. "އަދި އެ ކުންފުންޏަކީ މިހާރު ވެސް ހުޅުމާލޭގައި މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންގެން ކުންފުއްޏެއް،"
އަދި ވިދާޅުވީ މަސް ބަނދަރެއް ތަރައްގީކުރަން ހަމަޖެހިފައި ވަނީ މިހާރު ވެސް މަސް ދޯނިތައް އަޅާ ސަރަހައްދުގައި ކަމަށާއި އަދި އެ ކުންފުންޏާ ހަވާލުކުރީ 25 އަހަރަށް ކަމަށެވެ. ނަމަވެސް ހަވާލުކުރީ ކިހާ ވަރަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ވިދާޅުވީ ދެ ފަރާތް ދެމެދުގައި އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެތަން ތަރައްގީ ކުރެވުމުން އެ ތަނުން މަސް ކިރޭނެ އެންމެ ފުރިހަމަ އިންތިޒާމާއި މަސްވެރިނަށް ހާއްސަ ގެސްޓް ހައުސްތަކާއި މަސްވެރިންނަށް ޚިދުމަތް ދޭނެ ފިހާރަ އާއި ކެފޭ ހަދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރަށް ވުރެ ފަސޭހަ އިން އެތަނުގައި ދޯނިފަހަރު ބެހެއްޓޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.