ކުއްލި މައްސަލަތަކަކީ ގައުމުގެ މަސްލަހަތައް ސީދާ އަސަރުކުރާފަ ބޮޑެތި މައްސަލަތަކެކެވެ. އެފަދަ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮންމެ މެންބަރަކަށް ލިބިދެނީ ކަމުގެ މުއާލާތް ކެނޑިދާނެތީ ސަރުކާރުގެ ސަމާލުކަމަށް ވީހާވެސް އަވަހަކަށް އެ މައްސަލައެއް ގެނައުމަށެވެ. އެއީ މަޖިލީހުން ގޮތެއް ނިންމައި ވޯޓެއް ނަގަންޖެހޭ ކަންތައްތަކެއް ނޫނެވެ. ހަމައެކަނި މެންބަރުންގެ ހިޔާލާއެކު ބަހުސްކޮށްލުމެވެ. އެފަދަ މައްސަލަތަކަކީ މަޖިލީހުގެ މަސައްކަތްތައް އެކަހެރިކުރުމަށްފަހު ވާހަކަ ދައްކަންޖެހޭ ފަދަ މުހިއްމު ކަމެއް ނަމަ އެވެ. އެއީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އުފެއްދުންތެރިކަމާ ގުޅުންހުރި ބިލުތަކުގެ މަސައްކަތް މަޑުޖައްސާލުމަށްފަހު ކުއްލި ކަމެއްގެ ގޮތުގައި ކޮންމެހެން ހުށަހަޅަންޖެހިގެން ހުށަހަޅަނީ ކިތައް މައްސަލަ ހެއްޔެވެ؟ ކަމުގެ ހައްލު ހޯދުމުގެ މަގު ފެންނަން އޮއްވައި ހުސް އަނގަތަޅަނީ ކިތައް ފަހަރު ހެއްޔެވެ؟ ބިނާ ކުރަނިވި ވާހަކަތަކާއެކު ބަހުސް ކުރަނީ ކޮން މައްސަލައެއްގައިބާވަ އެވެ؟

މަޖިލީހުގައި މަޝްހޫރުކަން ހޯދަން ނުވަތަ ވަކި ފަރާތަކަށް ރައްދު ދިނުމަށް ކުއްލި މައްސަލަ ހުށަހަޅާތަން ފެންނަނީ އަބަދުވެސް ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކެވެ. ކުރިން ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކުއްލި މައްސަލަ އާއި ގަރާރުތަކެވެ. މިހާރު ކޮޅު ބަދަލުވެ، އެކަން ކުރަމުންދަނީ އެމްޑީޕީންނެވެ. އަދި އެކަމުގައި ސަރުކާރާ ބައިވެރިވެފައިވާ ޕާޓީތަކުން ވެސް ދޭތެރެ ދޭތެރެއިން ގަރާރާއި ކުއްލި މައްސަލަ ހުށަހަޅަ އެވެ.

އެގޮތުން މިއަހަރުގެ ދެ ދައުރުގައި ވެސް 10 ވަރަކަށް ކުއްލި މައްސަލަ ހުށަހެޅިއިރު، ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއް ކަމަށް ބުނެ، ސިފައިންނަށް ފުރައްސާރަކޮށް އެތައް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. ރައީސް ނަޝީދާ ދެކޮޅަށް ދެތިން ގަރާރުތަކެއް ހުށަހަޅައިފި އެވެ. ކޮމަންވެލްތު މައްސަލައާއި މާރާމާރީ އާއި ގޭންގު ކުށްތަކާއި މީހުން މެރުމުގެ މައްސަލަތަކާއި އާސަންދަ މައްސަލަގައި ވެސް ކުއްލި މައްސަލަ ހުށަހެޅި އެވެ. ނަތީއްޖާއެއް ނުކުތީ ކޮންކަމެއްގައިބާވަ އެވެ. ސަރުކާރުން އިޖާބަދިނީ ކޮންކަމަކަށް ބާވައެވެ. ފިޔަވަޅު އެޅުނީ ކޮންކަމެއްގައި ހެއްޔެވެ؟

ގަރާރާއި ކުއްލި މައްސަލަތަކުގެ ތެރެއިން، ފުރޭނިގެން ނުކުތީ އެންމެ މަސައްކަތެވެ. އެއީ ރައީސް ނަޝީދާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުވި ގަރާރުގެ ދަށުން އުފެއްދި ކޮމެޓީ އެވެ. އެ ކޮމެޓިގެ މަސައްކަތުގެ ނަތީއްޖާ ފެންނާނެ ބާވައެވެ؟ ސަބަބަކީ އެގޮތަށް ހުށަހެޅި މައްސަލައިގެ ތެރެއިން އަދި މަޖިލީހުން ނަތީއްޖާ ނުކުނެފައި ނުވާތީ އެވެ. ނަމަވެސް 800 މިލިއަން ޑޮލަރުގެ މައްސަލާގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅި މައްސަލާގައި ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އެކަމަކު އެއީއަކީ ނަތީޖާއެއް ހާސިލުވި ކަމެކޭ ބުނާނެ ޖާގައެއް ނެތެވެ.

ކުުރީގެ ހާއްސަ މަޖިލީހުގެ މެންބަރު އަދި 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޝަހީދު ޒަކީ ވިދާޅުވިގޮތުގައި މަޖިލީހުގެ މަސައްކަތް އަވަސް ކުރުމާ ގުޅިފައި އޮތީ މެންބަރުންގެ އިހްލާސްތެރި ކަމެވެ. ކުއްލި މައްސަލައާއި ގަރާރު ހުށަހެޅުމަކީ ކޮންމެ މެންބަރަކަށް މަޖިލީހުގެ ގަވާއިދުން ލިބިދޭ ހައްގަކަށް ވިޔަސް މަޖިލީހުން ވަގުތު ނަގާލާ މައްސަލަތަކުގައި މަޖިލީހުގެ ގަވާއިދުގެ ތެރެއިން، ފިޔަވަޅު އެޅިދާނެ އެވެ. ހަމައެކާއެކު މަޖިލީހުގައި އޮތް ސިޔާސީ ޕާޓީތަކުގެ ބިލް ފާސްކޮށްފިނަމަ ވެސް އެފަދަ މައްސަލަތައް ހައްލުވެގެން ދާނެ އެވެ.

އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން އެކަމުގައި ބާރުއަޅައި، މެންބަރުން ޒިންމާދާރު ކުރުވުމަށް މަސައްކަތްކޮށްގެން ނޫނީ އެފަދަ މެންބަރުންގެ މަސައްކަތް ޒިންމާދާރު ނުކުރެވޭނެ ކަމަށް ވެސް ޝަހީދު ޒަކީ ދެކެވަޑައިގަންނަވަ އެވެ.
"އެންޖިއޯސްތަކާއި ޓްރާސްޕޭރެންސީން އެބަޖެހޭ ޕްރެޝަރު ބިލް އަޕް ކޮށްގެން ނަމަވެސް މިބޭފުޅުންލައްވައި މިކަން ކުރުވަން. އެގޮތުން ސިޔާސީ ޕާޓީތަލުގެ ބިލު މަޖިލީހުން ފާސްވެއްޖެނަމަ މެންބަރުނަށް ފާރަވެރިވެ، އެމީހުން ޒިންމާދާރު ކުރެވޭނެ އުސޫލުތަކެއް ބައްޓަން ކުރެވިދާނެ،" ޝަހީދު ޒަކީ ވިދާޅުވި އެވެ.

ކުއްލި މައްސަލަތަކާއި ގަރާރުތައް ފުލުފުލުން މަޖިލީހަށް ހުށަހަޅަމުންދިއުން މަދުކުރުމަށްޓަކައި މަޖިލީހުން ވެސް ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ކައުންސިލް ޖެނަރަލްގެ ލަފާގެ މަތިން ގަރާރުތައް އެޖެންޑާ ނުކޮށް ދޫކުރެ އެވެ. ނަމަވެސް އެއާއެކު ފެނިގެންދަނީ މަޖިލިސް ހޫނުވާ ތަނެވެ. އެފަދަ މައްސަލައަކާ ހުރެ، މަޖިލިސް ހުއްޓުވާލާފައި ބޭއްވުމަށްވުރެ ރަނގަޅީ މަޖިލިސް ކުރިޔަށް ގެންދިއުން ކަމަށްވާތީ އެންމެ ފަހުން ޖެހެނީ އެކަމެއް އެޖެންޑާ ކުރާށެވެ. އެހެންނަމަވެސް މަގުސަދެއް ހާސިލެއް ނުވެއެވެ. މައްސަލައެއް ހެއްލެއް ނުލިބެ އެވެ.

މަޖިލީހުގެ މަސައްތަކަށް ފާރަވެރިވެ، ފާޑުކިޔަމުންދާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޯޑިނޭޓަރު އައިމަން ރަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އެފަދަ މަސައްކަތްތުގައި އޮތީ މެންބަރުން އިހްލާސްތެރިކަން ކުރިޔަށް ނެރުމެވެ. ނަމަވެސް މިހާތަނަށް ފެނިފައި ވަނީ ގަރާރުތަކާއި ކުއްލި މައްސަލަ ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ނަގާލަން މެންބަރުން މަސައްކަތް ކުރައްވާތީ އެވެ.

ޖިނާއީ މުހިއްމު ބިލުތަކެއް މަޖިލީހުން ފާސްކޮށްފައި ނޫނީ މަޖިލިސް ޗުއްޓިއަށް ނުދިއުމަށް އިއްޔެ މަޖިލީހަށް ގާރާރެއް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި ގޮތުގައި ގާރުން ނަތީއްޖާ ނުކުއްނާނެ އެވެ. ނަމަވެސް ކުއްލި މައްސަލައަކީ ނަތީއްޖާއެއް ނެތް ބަހުސްތަކެއް ކުރާ މައްސަލަތަކެއް ކަމަށާއި ގިނަ ފަހަރަށް ބައެއް މެންބަރުން އެފަދަ މައްސަލަތައް ހުށަހަޅަނީ މަޖިލީހުގެ ވަގުތު ނަގާަލަން ކަމަށެވެ.

"ކުއްލި މައްސަލަ ހުށަހަޅަނީ ޖެއްސުމަކަށް. އޭގައި އޮތީ މަޖިލީހުގެ މަސައްކަތައް ބުރޫ ނާރާ ގޮތަށް ކޮންމެހެން ހުށަހަޅަންޖެހޭ މައްސަލައެއް ހުށަހެޅުން. އެހެންނަމަވެސް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ފެނިގެންދަނީ، ނުވަތަ އެ ހުށަހަޅަނީ މަޖިލިސް ވަގުތު ބޭކާރު ކުރުމަށް ކުރާ ކަމެއް،" މަހުލޫފު ވިދާޅުވި އެވެ.