03 Jul 2012, 10:40
ސިޔާސީ ތަޖްރިބާކާރުން ބުނެއެވެ. މީހަކު އިންތިހާބެއް ކާމިޔާބު ކުރަނީ އޭނަގެ އެކަނި ސަޕޯޓަރުން ދޭ ވޯޓަކުން ނޫނެނެވެ. އެކަމަކު އޭނާއާއި ވާދަ ކުރާ ކެނޑިޑޭޓު ދެކެ ރުޅިން ނުވަތަ އޭނައަށް ނުލާންވެގެން އަނެއް މީހާއަށް ދޭ ވޯޓުންނެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތަމްސީލުވީ މި ދެންނެވި މަންޒަރެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ވަރަށް ސާފެވެ. ރައީސް މައުމޫނަށް ލިބިލެއްވީ 71779 ވޯޓެވެ. ވޯޓުލީ މީހުންގެ ސައްތައަށް ބަލާއިރު އެއީ %40.34 މީހުން ގެ ޖަވާބެވެ. އެންމެ ކައިރިން ވާދަކުރެއްވި، ރައީސް ނަޝީދަށް ލިބި ލެއްވީ 44293 ވޯޓެވެ. ވޯޓުލީމީހުންގެ ސައްތައަށް ބަލާއިރު އެއީ %24.91 މީހުންގެ ވާހަކައެވެ. ފުރަތަމަ ބުރުން ފެނިގެން ދިޔަ ނަތީޖާއަކީ ވަކިވަކި ބޭފުޅުންނަށް އޮތް ތާއީދުކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
ދެވަނަ ބުރު ތަފާތެވެ. މިތުރުންނާއި ހަތުރުންވެސް ރައީސް ނަޝީދުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އާހިރު ނަތީޖާއަކީ ގުޅިފައިވާ އިއްތިހާދަކުން ރައީސް މައުމޫނުގެ މައްޗަށް ފަތަހަ ހޯދުމެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މީހުން އެކަނި ދިން ވޯޓަކުންނެއްނޫނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ރައީސް މައުމޫނާއި ނުރުހޭ، ނަފުރަތުކުރާ އަދި ބަދަލަކަށް އެދި އިއްތިހާދުގެ ބައިވެރިންނާއި ގުޅިގެން ވޯޓުދިން މިހުންގެ ވޯޓުގެ ސަބަބުންނެވެ.
ރައީސް ނަޝީދާއި ވާދަކުރައްވަން ރައީސް މައުމޫނު ނުނިކުންނެވުން....
ފެންނަ ފެނުމަށް ބަލާއިރު ރައީސް މައުމޫނު 2013 ގެ ރިޔާސީ އިންތިހާބަކު ވާދައެއް ނުކުރައްވާނެއެވެ. އެހެން ވެއްޖެ ނަމަ ރައީސް ނަޝީދަށް ވާދަކުރައްވަން ޖެހޭނީ މުޅިން އާ ބޭފުޅަކާއެވެ.
ރައީސް ނަޝީދުގެ މުޅި ކެންޕެއިން އަމާޒު ހިފާފަ ހުރީ ސީދާ ރައީސް މައުމޫނާއި ދިމާލަށެވެ. ރައީސް ނަޝީދުގެ ވާހަކަ ފުޅަކީ ރައީސް މައުމޫނު ވެރިކަމަށް ވަޑައި ގަންނަވަން މަސައްކަތް ޕުޅު ކުރައްވާ ވާހަކައެވެ. އަދި ވަޑައި ގެންފިނަމަ ވާނެ ގޮތުގެ ވާހަކަފުޅު އެކި ފަހަރު އެކި ގޮތްގޮތަށް ދައްކަވައެވެ. އަދި 2008 ވަނަ އަހަރުގެ ކުރީގެ ވާހަކަތަކުގެ ހަނދާން އާކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވައެވެ. މަރުހޫމް އިވާން ނަސީމުގެ މަރުގެ ހާދިސާއާއި މާފުށީ ޖަލުގައި ހިނގާ ދިޔަ ބަޑިޖެހުމުގެ ހާދިސާގެ ވާހަކަތަކެވެ.
މިވާހަކަ ތަކުގެ ހަނދާންތައް އާކުރުމުގެ ވަރަށް މުހިއްމު ބޭނުމެއް އެބައޮތެވެ. އެއީ ރައީސް ނަޝީދުގެ ސަޕޯޓަރުން އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭ ބޭތިއްބުމަށެވެ. ކަންބޮޑުވުމެއްގެ ތެރޭ ބޭތިއްބުމެވެ.
މިސާލަކަށް އެމެރިކާ ސިފައިން އަފްގާނިސްތާނުގެ ރައްޔިތުން މެރުމަކީ އެމެރިކާގެ ރައްޔިތުން މާކަންބޮޑުވާކަމެއް ނޫނެވެ. ސަބަބަކީ އެމެރިކާގެ ރައްޔިތުންނަށް އެމެރިކާގެ ސަރުކާރާއި ހުޅަނގުގެ މީޑިޔާއިން އަފްގާނު މީހުން ސިފަކޮށްދީފައިވާނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި އިސްލާމިކް ޓެރަރިސްޓުންގެ ގޮތަށެވެ. ތަންތަން ގޮއްވާ މީހުން މަރާ އަދި ހުޅަނގުގެ ދޮން މީހުން މަރާ މެޝިންތަކެއްގެ ގޮތަށެވެ. ހުޅަނގުގެ ރައްޔިތުންނަކީ އެއްވެސް ކުށެއް ނެތް މީހުން މެރުމަށް ތާއީދު ކުރާ ބައެއް ކަމުގައި ނުދެންނެވޭނެ އެވެ. ނަމަވެސް އެބައިމީހުން މަރަންނުކުމެ އުޅޭ ބަޔަކު އެސަރުކާރުތަކުން މަރާ ހުސްކުރުމަކީ ތަބީއީ ގޮތުންވެސް އެސަރުކާރުތަކުން އެކުރާ ކަންކަންމަށް އެރައްޔިތުން ތާއީދު ކުރާނެ ކަމެކެވެ.
އެހެންކަމުން ރައީސް ނަޝީދު އެބޭފުޅާއަށް ތާއީދު ކުރާ މީހުން އެބޭފުޅާއަށް ލެންބެވުމަށް ޓަކައި މައުމޫނު އެހެން ގޮތަކަށް ދައްކަވަން އެބަޖެހެއެވެ. އަދި 2008 ވަނަ އަހަރު އާންމުކޮށް އެންމެންގެ މެދުގައި އޮތް ބިރުވެރިކަން "މައުމޫނު ވެރިކަމަށް ވަޑައިގެންފިނަމަ ދެންވާނީ ކިހިނެއް" މި ސުވާލު އެންމެންގެ ސިކުނޑިތަކުގައި އިންދަން ޖެހެއެވެ. އަދި ހަމަ އެސުވާލު އައުމާއި އެކު އެގޭ ޖަވާބަކަށް މަރުހޫމް އިވާން ނަސީމުގެ ވާހަކަ އާއި ޖަލުގެ އަނިޔާވެރިކަމުގެ ވާހަކަ އާއި އަދުލާއި އިންސާފުނެތް ވާހަކަ އެރައްޔިތުންގެ ސިކުނޑިއަށް އައުމުން ރައީސް ނަޝީދަށް އިންތިހާބު ކާމިޔާބު ކުރެވުނީއެވެ.
އެކަމަކު ސުވާލަކީ 2013 ވަނަ އަހަރު ރައީސް ނަޝީދާއި ވާދަކުރައްވަން ރައީސް މައުމޫނު ނުނިކުންނަވައިފި ނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ. ހަމަ އޭރުންވެސް 2008 ވަނަ އަހަރުގެ ނަތީޖާ ތަކުރާރުވެދާނެ ހެއްޔެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ތަޖުރިބާ ކުރެވުން.......
ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ރައްޔިތުންނަށް ވީ ފައިދާތޯ ނުވަތަ ވީ ގެއްލުންތޯ ބަލައި އެކަން ވަޒަންކުރަން ތިބި ބަޔަކީ ދިވެހި ރައްޔިތުންނެވެ. ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބެއްގައި އޭގެ ނަތީޖާ ރައީސް ނަޝީދަށް ދެއްވާނެ ކަމާއި މެދު ޝައްކެއް ނެތެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ނިމުނު އިރު ހަމަ ޔަގީނުންވެސް ކުރިން ކަށަވަރުނުވާ ބައެއް ކަން ކަން ކަށަވަރުވިއެވެ. ރައީސް ނަޝީދަކީ ލާދީނީ ފިކުރުގެ ބޭފުޅެއްކަމަށް ބައެއް ފަރާތްތަކުން އޭރު ކުރަމުން ދިޔަ ތުހުމަތުތަކަށް ބާރު ލިބޭ ފަދަ ކަންކަން ފަހުން ފެނިފައިވެ އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅާއި އަމަލާ ދިމާނުވުމެވެ. އިތުރުފުޅު ހެއްދެވުން ވީ މަޖަލަކަށެވެ. އޮޅުވާލެއްވުންވީ ޖޯކަކަށެވެ. ދެތެއް ބުނެވެން އޮތަސް އިތުރު ފުޅެއް ނުހައްދަވާ ހިތްޕުޅު ހަމަ ނުޖެހޭކަހަލައެވެ. ރައީސް ނަޝީދުގެ އިތުރުފުޅުތައް އެއްކޮށް، އެއްފޮތަކަށް ވަނީ ޖަމާކޮށް ބައެއް ފަރާތްތަކުން ވިއްކާފައެވެ.
އެހެންކަމުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަކީ އާ ޕްރޮޑަކްޓަކަށް ނުވާނެއެވެ. އެހެންކަމުން 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ގޮތް ނޭނގި އެކަމަކު "އުންމީދެއްގައި" ވޯޓު ދިން ފަރާތްތަކުން ހަމަ އެ އުންމީދުގައި 2013 ވަނަ އަހަރު ވޯޓު ދޭނެކަމަށް ގަބޫލުކުރުމަކީ ދަތިކަމެކެވެ. އެހެންކަމުން އެއީވެސް މަދުވާނެ ވޯޓުކަމުގައި ފެނެއެވެ. މިސާލަކަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "ދީނީ މީހުންގެ" ވޯޓުގެ ބޮޑުބައެއް ލިބިލެއްވީ ރައީސް ނަޝީދުއަށް ކަމަށް ބެލެވިދާނެއެވެ.
"ދެންވެސް ހޮވާނީ ރައީސް ނަޝީދު"
ދެން އޮތީ އިހު ބުނެވުނު ދެބަޔާއި މުޅިން އިދިކޮޅު ވިސްނުމުގެ މީހުންގެ ވާހަކައެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ފެނި އެވެރިކަމުގެ މޮޅުކަމާއި މީރުކަން ތަޖްރިބާ ކުރި މީހުނެވެ. ރައީސް ނަޝީދާއި ދިމާއަށް ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިއި ނަމަވެސް އެއީ އެމީހުނަށް އިވޭ ފެންނަ ވާހަކަތަކެއް ނޫނެވެ.
އެމީހުންގެ ތެރޭ ދެ ބަވާތެއްގެ މީހުން ހިމެނެއެވެ. އެއްބަޔަކީ ރައީސް ނަޝީދުގެ ކިބައިން ފެނުނު ނުރަނގަޅު ސިފަތަކަކީ އެއީ އެބޭފުޅާގެ އަމިއްލަ ކަމެއް ކަމަށް ގަބޫލުކުރާ މީހުނެވެ. އަނެއްބަޔަކީ އެއީ ގޯސްކަންތައް ކަމަށް ގަބޫލުކުރާ އެކަމަކު ރައީސް ނަޝީދަށް މަރުދޭ ސަޕޯޓަރުންނެވެ. އެމީހުން ބުނާނީ "ދެންވެސް ހޮވާނީ ރައީސް ނަޝީދު" ކަމަށެވެ.
އެހެންކަމުން މިދެބައި މީހުނަކީ ރައީސް ނަޝީދުގެ ފަހަތުގައި 2013 ގެ ރިޔާސީ އިންތިހާބުގައި ވަރުގަދަޔަށް ވިއްދައިގެން ތިބޭނެ ބައެކެވެ. ނަމަވެސް ރައީސް ނަޝީދަށް މިފަހަރު އަތުލަން އެންމެ އުނދަގޫވާނެ އެއް ވޯޓަރސް ބްލޮކަކީ "ސްވިންގް ވޯޓަރސުން" ނެވެ. ސަބަބަކީ އެމީހުނަކީ ޕާޓީ ފިކުރަށް ވުރެ އެމީހުން ގަބޫލުކުރާ އުސޫލަށް ތާއީދުކޮށް އެންމެ ފަހުވަގުތުގައި ބަސް ބުނާ މީހުނެވެ. އެމީހުންގެ ބަހަކީ ވޯޓުގެ ނަތީޖާ ނުކުންނާނެ ގޮތް ކަނޑައަޅާ ވަރަށް މުހިއްމު އަސްލެކެވެ.
ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު މިއަންނަނީ އިތުރަށް ހަނި ވަމުންނެވެ. އަވަސް އިންތިހާބެއް ނުބާއްވާ ދިގުލާ ކޮންމެ ދުވަހަކީ ރައީސް ނަޝީދުގެ އޮފު ކެނޑެމުން ދާނެ ދުވަހެކެވެ.