މަރާލާ މީހުންނާއި އަދި ގޮތް ނޭނގޭ ގޮތަށް މަރުވާ މީހުންގެ ހަގީގަތް ދެނެގަތުމަށް ރާއްޖޭގައި ޕޯސްޓުމޯޓަމް ހަދަން ފެށޭވަރުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ ރާއްޖޭގައި ޕޯސްޓް މޯޓަމް ހެދުމާއި ގުޅެގޮތުން އިސްލާމިކު މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ރާއްޖޭގައި ޕޯސްމޯޓަމް ހަދާނެ ތަނެއް ހޯދުމަށައި އެ ތަހުލީލުތައް ކުރުމާ ގުޅޭ ގޮތުން ސިއްހީ ދާއިރާ އާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"މިހާރު މިދަނީ [ރާއްޖޭގައި] ޕޯސްޓް މޯޓަމްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން. މިއަހަރުނިމުމުގެ ކުރިން އެކަން ރާއްޖޭގައި ކުރެވޭނެ ކަމަށް މިބަލަނީ،" ހަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޯސްޓް މޯޓަމްގެ ހެދުމުގެ މަސައްކަތް ރާއްޖޭގައި ފެށުމުގެ ކުރިން އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ތަޖުރިބާކާރަކު ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަމަށް ގާނޫނެއް ވެސް ބޭނުންވާނެ ކަމަށެވެ.

އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ބައެއް ހާލަތްތަކުގައި ޕޯސްޓްމޯޓަމް ހެދުމަކީ އިސލާމް ދީނުގައި ހުއްދަ ކަމެއް ކަމަށާއި އެގޮތުން ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދިދާނެ ކަމަށް ފުލުހުންނަށް ލަފާ ދެއްވާފައިވާނެ ކަމަށެވެ.

ޕޯސްޓް މޯޓަމް ހެދިދާނެ ހާލަތްތަކަށް ބަލާއިރު މަރާލާފައިވާ މީހާ މަރުވި ގޮތް ދެނެގަތުމުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުހޯދުމާއި ބޮޑު ބައްޔެއް ޖެހިގެން މަރުވާ މީހާގެ ހުރީ ކޮން ބައްޔެއްކަން ދެނެގަތުމަށް ޕޯސްޓް މޯޓަމް ހެދުމަކީ ހުއްދަ ކަމެއް ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މި ދެސަބަބަށްޓަކައި ޕޯސްޓް މޯޓަމް ހެދުން ހުއްދަ. އެގޮތުން ސައުދީ އަރެބިއާގެ ދަންނަ ބޭކަލުންގެ މަޖިލިސް ވެސް ވަނީ އެކަން ހުއްދަ ކޮށްފައި. އެހެން ވީމަ އެކަމަކީ ހުއްދަ ކަމެއް އެފަދަ ހާލަތްތަކުގައި ކުރުމަށް. މީގެ އިތުރުން އެކަން ކުރެވޭނީ އެ މައްޔިތާގެ ވާރިސުންގެ ބަހެއް ލިބިގެން ނުވަތަ އެމީހުން ހުއްދަ ދީގެން،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި މަރާލާ މީހުންގެ ޕޯސްޓް މޯޓަމް ހެދުމުގެ މަސައްކަތް ފަށަން ފުލުހުން ތައްޔާރުވެފައިވާއިރު މިހާތަނަށް މިއަހަރު ތެރޭގައި ވެސް ވަނީ ހަތް މީހަކު މަރާލާފަ އެވެ.