03 Jul 2012, 10:00
ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި ނަގާކިޔަން މިހާރު ތިބީ އެމްޑީޕީގެ ލީޑަޝިޕްގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކެވެ. އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޝާހަކީ މިހާރު ޖުމްހޫރީ ޕާޓީގައި އެ މަގާމް ފުރުއްވާ ފަރާތެވެ. އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒު (އިންތި) އަކީ މިހާރު ޖުމްހޫރީ ޕާޓީގެ ރަޖިސްޓާޖެނެރަލް އެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަކީ މިހާރު ޖުމްހޫރީ ޕާޓީގެ ރައީސެވެ. އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެވެ. ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމަކީ ދާދި ފަހަކާއި ޖެހެންދެން ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. މިހާރު ޖުމްހޫރީ ޕާޓީގަ އެވެ. ހަމަ މިއާއެކު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރަކީ އިހަށް ދުވަހާ ހަމައަށް ވެސް އެމްޑީޕީގައި އެންމެ ނުފޫޒު ގަދަ އެއް ފަރާތެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ފަންޑް ރައިޒިން ކޮމެޓީގެ ޗެއާމަނެވެ.
މިއީ ޖުމްހޫރީ ޕާޓީގެ އާ އިންޖީނެވެ. އާ ލީޑާޝިޕެވެ. މި ބޭފުޅުންނާ އެކު ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފަ އެވެ. ޕާޓީގައި ފަނޑުވެފައި އޮތް ހަރަކާތްތައް އަލުން ގަދަކޮށްފައި ވަނީ އަންނަ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކާމިޔާބު ކޮށްދޭށެވެ.
އެމްޑީޕީގެ ކުރި ސަފުގައި ތިއްބެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުންނާއެކު މަސައްކަތްތައް ފަށާފައިވާއިރު ކުރިން ވެސް ނުކުމެދާނެ ކަމަށް ހީކުރެވިފައިވާ ފަދަ މައްސަލަތަކެއް ވާހަކަތައް މިހާރު ވަނީ ޖުމްހޫރީ ޕާޓީގެ ތެރެއިން ފެންމަތިވާން ފަށާފަ އެވެ. އޭގެ ތެރެއިން ބައެއް ވާހަކަ މިހާރު ވަނީ ބޭރަށް ވެސް ނުކުމެފަ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގައި ކުރީންސުރެ ތިއްބެވި ބައެއް ފަރާތްތަކާއި ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި އިސް ބޭފުޅުންނާ ދެމެދު ވަނީ އާދައިގެ ކުންޏަކަށް ނުވާވަރަށް "ކުނި" ޖެހިފަ އެވެ.
އެމްޑީޕީން ގުޅިވަޑައިގެންނެވި ބޭފުޅުންނާއި ޕާޓީގައި އިސްކޮށް ކުރިން ވެސް އުޅުއްވި ބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލުތަފަތުވުންތައް އުފެދިފައިވާ ކަމަށް ބުނާއިރު މިހާރު ޕާޓީގެ ތެރެއިން ފެންމަތިކޮށްގެން އުޅޭ، ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވަޒީރު ކަމުން ވަކިކޮށް ޑރ. އިބްރާހިމް ދީދީއަށް އެ މަގާމު ހޯއްދަވައިދެއްވަން މަސައްކްތަތް ކުރާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޖާބިރާއި ޕާޓީގެ ކައުންސިލްގައި ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ފުއާދު ގާސިމް (ފޯޑް) އާ ދެބޭފުޅުންގެ މެދުގައި ވަނީ ބޮޑު އަރައިރުމެއް އުފެދިފައެވެ. ދެ ބޭފުޅުން ޒުވާބުކޮށް ކައުންސިލް ބައްދަލުވުން ދޫކޮށްލާފައި ވެސް ވެއެވެ.
ކުންޏެއް ޖެހިފައިވާ އަނެއް ބޭފުޅަކީ އިންތި އެވެ. އެނާގެ މަސައްކަތްތައް ފެނުނަސް ޕާޓީގައި ކުރިންސުރެ އިސްކޮށް އުޅެމުން އައި ބައެއް ފަރާތްތަކުގެ ރުހުމެއް ނެތް ކަމެއް ވެއެވެ. މިދިޔަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން ކ. ދިއްފުށީގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އިންތި ވަނީ ޖަލްސާގެ ވަކި ހިސާބަކުން ވޯކްއައުޓް ކުރެއްވުމަށް ފަހު ދުރަށް ވަޑައިގެންފަ އެވެ. އެނގިފައިވާ ގޮތުގައި އިންތި ވޯކްއައުޓް ކުރެއްވީ ޖަލްސާގައި ވާހަކަ ދައްކަވާފައި އިށީންނަށް ވަޑައިގެންއިރު ގޮނޑީގައި ލީޑަރު ގާސިމް އިބްރާހިމްގެ ދައުވަތަކަށް ވަޑައިގެންނެވި ބޭފުޅަކު އިންނެވުމުންނެވެ.
ކޫއްޑޫގެ ޑިރެކްޓަރު، އިންތި ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގައި އޭނާ ކުރާ މަސައްކަތް ލީޑަރު ގާސިމް ބަލައިގަނެ އެވެ. ނަމަވެސް ގާސިމަށް އެނގިވަޑައި ނުގެންނެވިއަސް ޕާޓީ ތެރެއިން ބައެއް ފަރާތްތައް އެނާގެ މަސައްކަތަށް ހުރަސް އަޅަ އެވެ.
"އަޅުގަނޑު ކުރާ މަަސައްތައް އެއީ އިހްލާސްތެރިކަމާއިއެކު ކުރަމުންދާ މަސައްކަތެއް. އެކަން ޖުމްހޫރީ ޕާޓީގައި މީގެ ކުރިން އުޅެމުން އައިސްފައިވާ ބައެއް މީހުން ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އަޅުގަނޑު ނުދެކެން އެހެނެއް،" އިންތި ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް އެމްޑީޕީން ގުޅިވަޑައިގެންފައިވާ އިސް ގިނަ ބޭފުޅުންނާމެދު ޖުމްހޫރީ ޕާޓީގައި ކުރިންސުރެ އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން ހިތްހަމަ ނުޖެހޭ ކަމަށް ވެއެވެ. އެފަދަ އެއް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ އެމްޑީޕީން ޖޫމްހޫރީ ޕާޓީއާ ގުޅި ވަޑައިގެންނެވި ޓީމަކީ "ނަން ހޯދަން ކުރާ މަސައްކަތެއް" ހިންގާ ޓީމެއް ކަމަށެވެ.
"ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ނަމުގަ އިންތި މާބޮޑު މައްސައްކަތެއް ނުކުރޭ. އޭނާ މަސައްކަތްކުރަނީ ޓެގް ޖަހަންވެގެން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބަދަލުވި ޓީމްގެ ފެކްޝަނަކާއި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ކުރިން ވެސް ތިއްބެވި ބޭފުޅުންގެ މެދުގައި ދެ ފެކްޝަނެއް އޮންނަ ކަމަށް ވެއެވެ.
ޕާޓީގެ ސްޕޯކްސް ޕާސަން މޫސާ ރަމީޒު ވިދާޅުވި ގޮތުގައި އަލަށް އެ ޕާޓީއާ ގުޅިވަޑައިގެންނެވި އެއްވެސް ފަރާތެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޕާޓީގެ ތެރޭގައި ހުރަހެއް ނޯންނާނެ އެވެ. އަދި ވަކި ޕާޓީއަކުން ގޮސް ގުޅުނު އެއްވެސް މެންބަރަކު ކުރައްވާ ކަމަކަށް ހުރަސް އަޅަން ޕާޓީގައި ކުރިން ވެސް ތިއްބެވި ފަރާތްތައް މަސައްކަތެއް ނުކުރެ އެވެ. އަދި އެފަދަ ވާހަކަތަކެއް ފެންމަތިވެފައި ވަނީ ކީއްވެގެން ކަމެއް ވެސް ނޭނގެ އެވެ.
ޖުމްހޫރީ ޕާޓީގެ އާ ލީޑާޝިޕްގެ ތެރޭގައި މައްސަލައެއް ނެތް ކަމަށް ދައްކަން ބައެއް ފަރާތްތައް މަސައްކަތް ކުރި ނަމަވެސް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށް ކުރިންސުރެ ވެސް ގާސިމް ގާތުގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެފަދަ ބައެއް ބޭފުޅުން ވިދާޅުވީ ނައިބު ލީޑަރު ކަމަށް ޖާބިރު ވަޑައިގެން ހިސާބުން ފެށިގެން ބޮޑާ ހޭކުމުގެ މައްސަލަތައް ކުރިމަތިވެ ކުނިޖެހެން ފަށާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވި ޑރ.ޑީޑީއަށް ކުރިމަތިވެފައި ވަނީ ތަފާތު މައްސަލައެކެވެ. ޕާޓީގެ ފަރާތުން ހެލްތް މިނިސްޓަރަކަށް ޑީޑީ އައްޔަން ކުރަން ރައީސަށް އެ ޕާޓީން ހުށަހަޅަން ޖާބިރު ކައުންސިލަށް ހުށަހެޅުއްވުމުން އެކަން ފާސް ނުވުމެވެ. ހެެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުކަމުގެ "ސްލޮޓަކީ" ޖުމްހޫރީ ޕާޓީގެ "ސްލޮޓެއް" ކަމަށް ބުނެ، އޭނާގެ ބަދަލުގައި ޑރ. ޑީޑީގެ ނަން ހުށަހެޅުއްވުމަށް ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލުގެ ބައެއް މެންބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ހެލްތު މިނިސްޓަރުގެ މަގާމަށް ޑީޑީގެ ނަން ހުށަހެޅުއްވުމަށް ދެކޮޅު ހެއްދެވި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މިނިސްޓަރު ކަމަށް ޑީޑީގެ ނަން ފޮނުވުމަށް އަދި އަވަހެވެ. ޑީޑީ އަށް އިތުބާރު ކުރަން އަދި ޖެހިލުން ވެއެވެ. އެ މެންބަރު ވިދާޅުވި ގޮތުގައި ޑީޑީ ހެލްތް މިނިސްޓަރަކަށް ގެންނަން ޖުމްހޫރީ ޕާޓީގެ ތެރެއިން ބޭފުޅުން ކޮޅެއް އުޅުއްވާއިރު އޭގެ ތެރޭގައި އިސްކޮށް ތިއްބެވީ އަލްހާނާއި ޖާބިރެވެ. މުޅި އެ މައްސަލައިގެ ސަބަބުން މުޅި ޕާޓީއަށް އޭގެ އަސަރު ވަނީ ފޯރާފަ އެވެ. ޕާޓީ ވަނީ ބޮޑާ ހޭކުމެއްގެ ތެރޭގައި "ފަނި" ވެފަަ އެވެ.
ޑރ. ޖަމްޝީދަށް މަޖިލީހުގައި ރުހުން ނުދިނުމަށް ޖުމްހޫރީ ޕާޓީން ތްރީ ލައިން ވިޕެއްނެރުނެވެ. ނަމަވެސް ޑރ. ޖަމްޝީދަށް ރުހުން ލިބިފައިވާއިރު މިހާރު ވެސް ޖުމްހޫރީ ޕާޓީގެ ތެރެއިން ސަރުކާރަށް ދޭ އިންޒާރުތަކަކާއެކު މަސައްކަތް ކުރަނީ ޖަމްޝީދު ވަކިކޮށް އެމަގާމަށް ޑީޑީ ގެންނާށެވެ. ޑީޑީ ހެލްތް މިނިސްޓަރަކަށް ގެނައުމަށް ޖުމްހޫރީ ޕާޓީތެރެއިން ކުރާ މަސައްކަތުގެ ސަބަބުން މުޅި ޕާޓީ ތެރެ ހިލިފައިވާއިރު 2013 އަށް ކުރާ އުންމީދުތަކަށް ބައެއް ފަރާތްތައް މިހާރު ޝައްކު އުފައްދަ އެވެ.