03 Jul 2012, 09:40
ޓްރިޕޮލީ(ޖުލައި 3): ޖާސޫސުކުރުމުގެ ތުހުމަތުގައި ލީބިޔާގައި ހައްޔަރުކޮށްފައިވާ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓް (އައިސީސީ)ގެ ވަކީލަކާއި ތިންމުވައްޒަފުން ލީބިޔާއިން މިނިވަންކުރުމުން އެމީހުން ރޭ ވައިގެމަގުން ނެދަރލޭންޑްސް އަށް ހިނގައްޖެ އެވެ.
އައިސީސީ ވަކީލެއް ކަމަށްވާ އޮސްޓްރޭލިޔާގެ މިލިންޑާ ޓޭލަރ ލީބިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވަނިކޮށް އޭނާއާއި އޭނާގެ ވަދްފުގެ އިތުރު ތިންފޭފުޅަކު ލީބިޔާގެ ފުލުހުން ހައްޔަރުކުރީ އެގައުމުގެ ކުރީގެ ޒައީމް ކާނަލްމުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ހައްޔަރުކޮށްފައި ވަނިކޮށް އޭނާއަށް ސިއްރު ލިއެކިއުންތަކަކާއި ރެކޯޑްކުރާ އަލާތެއް ފޯރުކޮށްދޭން މަސައްކަތްކުރިކަމުގެ ތުހުމަތުގަ އެވެ. މިސިއްރު ލިޔުންތަކަކީ ލީބިޔާގެ އަމްނަށް ނުރައްކާވެދާނެ ލިޔުންތަކެއްކަމަށް ލީބިޔާ ސަރުކާރުން ބުނެފައިވެ އެވެ.
އައިސީސީގެ ވަކީލާ އާއި އެކޯޓުގެ ތިން މުވައްޒަފުން ލީބިޔާ އިން މިނިވަންކުރީ އައިސީސީގެ ރައީސް ސޮންގސަންގް ހިޔުން ލީބިޔާ އަށް ވަޑައިގެން އެމީހުންގެ ޢަމަލުތައް ކުށްވެރިކުރައްވައި އެކަމަށް ލިބިޔާ ރައްޔިތުންނާއި ސަރުކާރުގެ ކިބައިން ރަސްމީ ސިފައެއްގައި މަޢާފަށް އެދިވަޑައިގަތުމުގެ އިތުރުން މިފަދަ ޢަމަލެއް ދެން ތަކުރާރުނުވާނެކަމުގެ ޔަގީންކަން ވެސް ލީބިޔާގެ މަސްއޫލުވެރިންނަށް ދެއްވުމުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އައިސީސީގެ ޓީމުން ސައިފުލްއިސްލާމަށް ސިއްރިޔާތުގައި ފޯރުކޮށްދޭން މަސައްކަތްކުރި ލިޔުންތަކަކީ އެ ޓީމަށް ލީބިޔާ އިން ދީފައިވާ ޑިޕްލޮމެޓިކް ޚާއްސަ އިމްތިޔާޒްތައް ބޭނުންކޮށްގެން ޖާސޫސުކޮށްގެން ހޯދާފައިވާ ލިޔުންތަކެއް ކަމަށް ވެސް ލީބިޔާ ސަރުކާރުން ތުހުމަތުކޮށްފައިވެ އެވެ.
މިމައްސަލާގައި ލީބިޔާ ސަރުކާރުން އައިސީސީ އާމެދު ދެން ޢަމަލުކުރާނެ ގޮތަކާއި މިމައްސަލަ ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވި ގޮތެއް ސާފުނުވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިމައްސަލައާގުޅިގެން އައިސީސީގެ އިތުބާރު ލީބިޔާގައި ވަނީ ގެއްލިފަ އެވެ. (ރޮއިޓާސް)