14:00


އަމީނީމަގުގައި ރޭ 16 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ އެ ކުއްޖާގެ ގަޔަށް ވަޅިހަރާފައި ވަނީ ކުރީގެ އީޕީއެސް ސްކޫލް ކައިރިން އެ ކުއްޖާ ހިނގައިފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ކަމަށާއި އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރުކޮށްފައިވާ މީހާގެ އިތުރުން ވެސް އެކަމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގްރޫޕަކުން ދިން މި ހަމަލާގައި ވަޅި ހަރައިފައި ވަނީ އެ ކުއްޖާގެ ބުރަކައްޓަށް ކަމަށެވެ.


އައިޖީއެމްއެޗުން ބުނީ އެ ކުއްޖާއަށް މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް އެ ކުއްޖާއާ ބެހޭ އިތުރު ތަފްސީލެއް އާއިލާގެ ފަރާތުން ހާމަކުރަން ނޭދޭތީ އެކަމުގެ ތަފްސީލެއް ދެވެން ނެތް ކަމަށްވެސް އައިޖީއެމްއެޗުން ބުނެ އެވެ.


މި ކުއްޖާ އަށް ރޭ ހަމަލާދީފައި މި ވަނީ ތޫނު އެއްޗިއްސާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 10 ގަޑި އިރު ވެސް ނުވަނީހެވެ.