ޓްރިޕޮލީ(ޖުލައި 3): ޖާސޫސުކުރުމުގެ ތުހުމަތުގައި ލީބިޔާގައި ހައްޔަރުކޮށްފައިވާ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓް (އައިސީސީ)ގެ ވަކީލަކާއި ތިންމުވައްޒަފުން ލީބިޔާ އިން މިނިވަންކުރުމުން އެމީހުން ރޭ ވައިގެމަގުން ނެދަރލޭންޑްސް އަށް ހިނގައްޖެ އެވެ.

އައިސީސީ ވަކީލެއް ކަމަށްވާ އޮސްޓްރޭލިޔާގެ މިލިންޑާ ޓޭލަރ ލީބިޔާ އަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވަނިކޮށް އޭނާއާއި އޭނާގެ ވަދްފުގެ އިތުރު ތިންފޭފުޅަކު ލީބިޔާގެ ފުލުހުން ހައްޔަރުކުރީ އެ ގައުމުގެ ކުރީގެ ޒައީމް ކާނަލްމުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ހައްޔަރުކޮށްފައިވަނިކޮށް އޭނާ އަށް ސިއްރު ލިއެކިއުންތަކަކާއި ރެކޯޑްކުރާ އަލާތެއް ފޯރުކޮށްދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގަ އެވެ. މިސިއްރު ލިޔުންތަކަކީ ލީބިޔާގެ އަމްނަށް ނުރައްކާވެދާނެ ލިޔުންތަކެއް ކަމަށް ލީބިޔާ ސަރުކާރުން ބުނެފައިވެ އެވެ.

އައިސީސީގެ ވަކީލާ އާއި އެކޯޓުގެ ތިން މުވައްޒަފުން ލީބިޔާ އިން މިނިވަންކުރީ އައިސީ.ސީ.ގެ ރައީސް ސޮންގސަންގް ހިޔުން ލީބިޔާއަށް ވަޑައިގެން އެމީހުންގެ ޢަމަލުތައް ކުށްވެރިކުރައްވައި އެކަމަށް ލިބިޔާ ރައްޔިތުންނާއި ސަރުކާރުގެ ކިބައިން ރަސްމީ ސިފައެއްގައި މަޢާފަށް އެދިވަޑައިގަތުމުގެ އިތުރުން މިފަދަ ޢަމަލެއް ދެން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ވެސް ލީބިޔާގެ މަސްއޫލުވެރިންނަށް ދެއްވުމުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އައިސީސީގެ ޓީމުން ސައިފުލްއިސްލާމަށް ސިއްރިޔާތުގައި ފޯރުކޮށްދޭން މަސައްކަތްކުރި ލިޔުންތަކަކީ އެޓީމަށް ލީބިޔާ އިން ދީފައިވާ ޑިޕްލޮމެޓިކް ޚާއްސަ އިމްތިޔާޒްތައް ބޭނުންކޮށްގެން ޖާސޫސުކޮށްގެން ހޯދާފައިވާ ލިޔުންތަކެއް ކަމަށް ވެސް ލީބިޔާ ސަރުކާރުން ތުހުމަތުކޮށްފައިވެ އެވެ.

މިމައްސަލާގައި ލީބިޔާ ސަރުކާރުން އައިސީސީ އާމެދު ދެން ޢަމަލުކުރާނެ ގޮތަކާއި މި މައްސަލަ ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވި ގޮތެއް ސާފުނުވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިމައްސަލައާ ގުޅިގެން އައިސީސީގެ އިތުބާރު ލީބިޔާގައި ވަނީ ގެއްލިފަ އެވެ. (ރޮއިޓާސް)