ކާބުލް (ޖުލައި 3): އަފްޣާން ފުލުހުންގެ އޮފްސަރުންގެ ޔުނީފޯމްގައި ހުރި މީހަކު ދިން ޙަމަލާތަކެއްގައި ނޭޓޯ ސިފައިންގެ ތިން މީހަކު މަރުވެއްޖެ އެވެ.

ކާބުލްގައި ހުންނަ ނޭޓޯގެ ކޮމާންޑުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަފްޣާނިސްތާނުގެ ދެކުނުގެ ހިސާބެއްގައި ހަތިޔާރުން ޙަމަލާދިން މި މީހާއަކީ އަފްޣާން ފުލުހުންގެ އިސް އޮފްސަރުންނަށް ޚާއްސަކޮށްފައިވާ ޔުނީފޯމްގައި ހުރި މީހެއް ނަމަވެސް މިއީ އަފްޣާން ފުލުހުންގެ މީހެއްކަން ނުވަތަ އަފްޣާން ފުލުހުންގެ އެލީޓުންގެ ޔުނީފޯމް އަޅައިގެން ހުރި ތާލިބާނުންގެ އެޖެންޓެއްކަން ސާފުނުވާ ކަމަށާއި އަފްޣާން ފުލުހުންނާ ގުޅިގެން މިކަން ތަޙްޤީޤްކުރަމުންގެންދާ ކަމުގަ އެވެ.

އަފްޣާން ފުލުހުންނާއި ސިފައިންގެ ޔުނީފޯމް އަޅައިގެން ތިބޭ ތާލިބާން ހަނގުރާމަވެރިން، މިއުކުޅު ބޭނުންކޮށްގެން ނޭޓޯގެ ސިފައިންނާއި އަފްޣާން ސަރުކާރުގެ ބައެއް މަސްއޫލުވެރިން އަވަހާރަކޮށްލުމުގެ ޙަމަލާތަކެއް ހިންގާފައިވެ އެވެ. މިފަދަ ބައެއް ޙަމަލާތަކުގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފަ އެވެ. ނަމަވެސް އިއްޔެ މިޙަމަލާއާ ބެހޭ ގޮތުން ތާލިބާނުން އަދި ބަޔާނެއް ދީފައެއްނުވެ އެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންނަކީ އަފްޣާން ކުށެއްނެތް އާންމުން މެރުމުގައާއި މަދަނީ ތަންތަނަށް ޙަމަލާދިނުމުގައި ޙަރަކާތްތެރިވާ އިސްތިޢްމާރީ އަދި ޢުދުވާނީ ބާރުތައް ކަމަށް ވާތީ ފެންނަ ކޮންމެތަނަކުން ނޭޓޯ ސިފައިން މެރުމަށް ތާލިބާނުންގެ ރޫހީ ލީޑަރު މުއްލާ މުޙައްމަދު ޢުމަރު ވަނީ އަފްޣާން ރައްޔިތުންނަށާއި ތާލިބާން ހަނގުރާމަވެރިންނަށް ގޮވާލައްވާފަ އެވެ.

އަފްޣާން ސިފައިންނާއި ފުލުހުންގެ އޮފްސަރުންގެ ޔުނީފޯމް އަޅައިގެން ޙަޤީޤަތް އޮޅުވާލައިގެން އުޅޭ ތަލިބާން ހަނގުރާމަވެރިންގެ ކުއްލި ޙަމަލާތަކުގައި މި އަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް ނޭޓޯ ސިފައިންގެ 26 މީހަކު މަރާލާފައިވެ އެވެ. އިއްޔެ ޙަމަލާގައި މަރާލާފައި ވަނީ އެމެރިކާ ސިފައިންގެ ތިން މީހުން ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ނޭޓޯ އިން މިތިން މީހުންނާ ބެހޭ މަޢްލޫމާތު ހާމަކޮށްފައެއްނުވެ އެވެ. (އަލްޖަޒީރާ)