03 Jul 2012, 01:27
ޔޫއޭފާއިން ހޮވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި ސްޕޭނުގެ ދިހަ ކުޅުންތެރިއަކު ހިމަނައިފި އެވެ.
ޖުމުލަ 23 ކުޅުންތެރިން ހިމެނޭ މި ޓީމުގެ ތިން ގޯލް ކީޕަރުންނަކީ ސްޕޭނުގެ އިކާ ކަސިޔާސް އާއި އިޓަލީގެ ޖިއާންލުއިޖީ ބުފަން އާއި ޖަރުމަނުގެ މެނުއަލް ނިއުއާ އެވެ.
ޑިފެންޑަރުންނަކީ ސްޕޭނުގެ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ އާއި ސާޖިއޯ ރާމޯސްގެ އިތުރުން ޕޯޗުގަލްގެ ޕެޕޭ އާއި ފަބިއޯ ކޮންޓްރާއޯ އާއި ޖަރުމަނުގެ ފިލިޕް ލާމެވެ.
މި ޓީމުގައި ހިމެނޭ އިނގިރޭސި ހަމައެކަނި ކުޅުންތެރިއަކީ ކެޕްޓަން ސްޓީވަން ޖެރާޑެވެ. އަދި އޭނާ އަކީ ސެމީ އަށް ނުދާ، ކުއާޓާ ފައިނަލް ކުޅުނު ގައުމަކުން ޑްރީމް ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިޔާ އެވެ.
"ޖެރާޑް ވަރަށް ވަރަށް ރަނގަޅަށް ކުޅުނު. އޭނާ ވަރަށް މޮޅަށް ލީޑަރޝިޕް ވެސް ދެއްކި،" ޔޫއޭފާގެ ޓެކްނިކަލް ޑައިރެކްޓަރު އެންޑީ ރޮޒެންބާގް ބުންޏެވެ، "އިނިއެސްޓާ ފުޓްބޯޅައިގެ ހުރިހާ ކަމެއް ދެއްކި."
ޖެރާޑްގެ އިތުރުން ޑްރީމް ޓީމުގައި ދެން ތިބި މިޑްފީލްޑަރުންނަކީ ސްޕޭނުގެ ޒަވީ ހަނާންޑޭޒް އާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަންދްރޭސް އިނިއެސްޓާ އާއި ޒަބީ އަލޮންސޯ އަދި ސާޖިއީ ބުސްކެޓްސް އާއި އިޓަލީގެ ޑެނިއަލް ޑީރޮސީ އާއި އަންދްރޭ ޕިރްލޯ އާއި ޖަރުމަނުގެ ސާމީ ކެދީރާ އާއި މެސުޓް އޮޒިލް އެވެ.
ފޯވަޑުންނަކީ އިޓަލީގެ މާރިއޯ ބަލެޓޮއްލީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްޕޭނުގެ ސެސް ފަބްރިގާސް އާއި ޑޭވިޑް ސިލްވާގެ އިތުރުން ސްވިޑްންގެ ލާޓަން އިބްރަހިމޮވިޗެވެ.