03 Jul 2012, 01:26
ޔޫރަޕުގެ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސްޕޭނުގެ އަންދްރޭސް އިނިއެސްޓާ ހޮވައިފި އެވެ.
މުބާރާތުގެ ޓެކްނިކަލް ޓީމުން އޭނާ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ދީފައިވާއިރު އިނިއެސްޓާ ވަނީ ޔޫރޯގައި ސްޕޭން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗެއްގައި މޭން އޮފްދަ މެޗުގެ މަގާމު ވެސް ހޯދައިފަ އެވެ. އެއީ ފައިނަލް މެޗާއި ފުރަތަމަ ބުރުގައި އިޓަލީ އާއި ސްޕޭން ބައްދަލުކުރި މެޗުގެ އިތުރުން ކްރޮއޭޝިޔާއާ އެކު ކުޅުނު މެޗުގަ އެވެ.
އުމުރުން 28 އަހަރުގެ އިނިއެސްޓާ އަކީ މުބާރާތުގެ ޑްރީމް ޓީމުގެ މެމްބަރެއްވެސްމެ އެވެ. އޭނާ އަކީ 2008 ވަަނަ އަހަރު ސްޕޭން ޔޫރޯ ހޯދި ޓީމުގައި ކުޅުނު ކުޅުންތެރިއެއްގެ އިތުރުން އެންމެ ފަހުގެ ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިނުމަށް ފައިނަލްގައި ހޮލެންޑް ކޮޅަށް ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ މިޑްފީލްޑަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 71 މެޗު ކުޅެ 10 ގޯލު ޖަހާފަ އެވެ.