02 Jul 2012, 22:24
ސ. ހިތަދޫގައި ގާއިމް ކުރި ރީޖަނަލް ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ނައިބު ރައީސް މުހަންމަދު ވަހީދުއްދީން ހުޅުވައިދެއްވައިފި އެވެ.
މިއަދު ހަވީރު ހިތަދޫގައި އޮތް ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ އެފަދަ މަރުކަޒުތަކަކީ ރައްޔިތުންގެ ފައިސާ އިން ބިނާކުރާ މަރުކަޒުތައް ކަމަށާއި އެ ތަންތަނަކީ ސަރުކާރުގެ ތަންތަން ނޫން ކަމަށެވެ. އަދި އެފަދަ ތަންތަނަށް ގެއްލުންދީ ހެދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ވެރިކަން ބަދަލުވި ވިޔަސް ވެސް އެފަދަ ޢިމާރާތްތަކަށް ގެއްލުންދީގެން ނުވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެފަދަ މަރުކަޒެއްގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޅަދަރިންނާއި ޒުވާނުން ސަލާމަތް ކުރުމަށް ޤާއިމްކުރާ އެފަދަ މަރުކަޒުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.
އައްޑޫގެ އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން މިއަދު ހުޅުވި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަކީ 12 މީހުންގެ ޖާގައިގެ ތަނެކެވެ.
އައްޑު އަތޮޅަކީ މާލެ ފިޔަވައި މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރު އެއް އަތޮޅެވެ.