02 Jul 2012, 18:55
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މުއްރަތާއި ހަނާ، ނަޖީބު އަވަހާރަ ކޮށްލުމުގައި ބައިވެރިވި ކަމަށް ކޯޓުގައި އިތުރާފުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނަޖީބު އަވަހާރަކޮށްލާފައި އޮއްވާ ފެނުނު މ. މަސްރޫރާގެއިން ރޭ ހައްޔަރުކުރި އެގޭ އަހުމަދު މުއްރަތު، 29، އާއި އޭނާގެ ލޯބި ވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު ހަވީރު 5:30 އެހާކަންހާއިރު އެވެ.
އަޑުއެހުން ނިންމާލުމަށްފަހު ކޯޓު ބޭރުގައ ހުންނަވައި، އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންގެ ސްޕްރިޓެންޑެންޑް އޮފް ޕޮލިސް މުހަންމަދު ރިޔާޒު ވިދާޅުވީ ނަޖީބު އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް އެ ދެމީހުންވެސް ގާޒީގެ ކުރިމަތީގައި އިއުތިރާފުވި ކަމަށެވެ. އަދި ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
"އެހެން ކަމުން އަޅުގަނޑުމެން މި ބަލަނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީއަށް ފޮނުވުމަށް،" ފަހަކަށް އައިސް ބޮޑަތި މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް އުޅުއްވާ ރިޔާޒު ވިދާޅުވި އެވެ.
މުއްރަތަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިއުލާން ކުރި ދެވަނަ ފުރުސަތުގެ އަފޫއާންމުގައި މިނިވަންކޮށްފައި ހުރި މީހެކެވެ. އޭނާއަކި ބޮޑެތި ކުށްތައް ކުރުމުގެ ރިކޯޑްތައް އޮންނަ މީހެކެވެ. އޭނާ ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ ދެވަނަ ފުރަސަތުގެ ޕްރޮގްރާމަށް ޝަރުތު ފުރިހަމަ ނުވަނީސް ދޫކޮށްލާފައިވާ 218 މީހުންނާއެކު އެވެ.
އަނިޔާވެރި ގޮތަކަށް ނަޖީބު އަވަހާރަކޮށްލާފައި އޮއްްވައި ރޭ ފެނުނީ މަޝްރޫރާގޭގެ ދެ ވަނަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ހުރި ބޮޑު ޑަސްބިނެއްގެ ތެރޭގައި އެއްލާލައިފައި އޮއްވަ އެވެ.