ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހަ ކެޓަގެރީއަކުން "ޑިސައެބިލިޓީ އެވޯޑް" ދޭގޮތަށް ހަމަޖައްސައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ބާއްވާ ޑިސައެބިލިޓީ އެވޯޑާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޑިސައެބިލިޓީ ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ ހަ ކެޓަގެރީއަކުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް އެކި ދާއިރާތަކުން 37 އެޕްލިކޭޝަން މިހާތަނަށް ފޮނުވާފައިވާ ކަމަށެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ރާއްޖެ އަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށާއި ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށާއި އަމިއްލަ ޖަމިއްޔާތަކާއި ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ ފަރާތްތަކާއި ފަންނީ ގޮތުން އެހީތެރިވާ ފަރާތްތައް ހިމެނެ އެވެ. އަދި މާލީ ގޮތުން އެކި އެކި އެހީތައް ފޯރުކޮށްދޭ ފަރާތްތަކަށް ވެސް އެވޯޑް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޑިސައެބިލިޓީ އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އެކަންޏެވެ. އެނޫން ފަރާތްތައް ޑިސްކޮލިފައި ވާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ޑިސައެބިލިޓީ ކައުންސިލުން ބުނީ ރާއްޖެ އަށް ރީތިނަން ހޯދައިދިން ފަރާތްތަކަށް ދޭ އެވޯޑް ފިޔަވައި ދެން ހުރި ފަސް ކެޓަގަރީން އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

ރާއްޖެ އަށް ރީތިނަން ހޯދައިދީފައިވާ ހުރިހާ ފަރާތްތަތަކަށް އެ ކެޓަގަރީން އެވޯޑް ދޭނެ ކަމަށް ޑިސައެބިލިޓީ ކައުންސިލުން ބުންޏެވެ. އަދި އެހެން ހުރިހާ ދާއިރާއަކުން އެވޯޑްދިނުމަށް ހަމަޖެހިފައި ވަނީ އެއް ފަރާތަށެވެ.

ޑިސައެބިލިޓީ އެވޯޑް ދިނުމަށް އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އޭޖީ އޮފީހުގެ ބޭފުޅަކާއި އެޗުއާރްސީއެމް އާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓަކާއި ޑިސައެބިލިޓީ ކައުންސިލްގެ ބޭފުޅެކެވެ.