ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 18 އަހަރުގެ އަންހެން ކުއްޖާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

މ. މަސްރޫރާގޭގައި ޑެގް އަޅައިގެން ހަދާފައިވާ ބައެއްގައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އަވަހާރަ ކޮށްލާފައި އޮއްވައި ރޭ އިރާކޮޅު ފެނުނު ނަޖީބު، 65،ގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މަސްރުރާގޭ އަހުމަދު މުއްރަތު، 29،ގެ އިތުރުން އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، އެވެ. އަދި ރޭ މުއްރަތު ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ދެވަނަ ފުރުސަތުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު 18 ވަނަ ދުވަހު މުއްރަތު ދޫކޮށްލި އިރު، މިއަދާ ހަމައަށް 12 އަހަރު ދުވަހުގެ އެ ހުކުމުގެ މުއްދަތުން އޭނާ ތަންފީޒު ކޮށްފައި ވަނީ ތިން އަހަރާއި ތިން މަހާއި 22 ދުވަސް ކަމަށެވެ. މަސްތުވާތަކެތީގެ އިތުރު ދެ މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ވަނީ 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

މުއްރަތާ ގުޅިގެން 2008 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި މަސްތުވާތަކެއްޗާ ގުޅޭ އެހެން މައްސަލައެއް ތަހުގީގު ނިންމުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އިރު 2010 ވަނަ އަހަރު އޭނާގެ މައްޗަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލައެއް މިހާރު ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ އިރު 2005 ވަނަ އަހަރު ޖަލުން ފިލާފައިވާ މައްސަލައަކާ ގުޅިގެން ހަތަރު މަސް ދުވަހަށް ޖަލަށްލުމަށާއި މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މަސް ދުވަހަށް ޖަލަށް ލުމަށާއި އަމުރަށް ނުކިޔަމަންތެރިވި މައްސަލައަކާ ގުޅިގެން ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ވައްކަމުގެ މައްސަލައަކާ ގުޅިގެން ހަ މަސް ދުވަހަށް ގޭބަންދު ކުރުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

ނަމަވެސް ދެވަނަ ފުރުސަތުގެ ދަށުން މުއްރަތު ދޫކޮށްލި އިރު އޭގެން އެއްވެސް ހުކުމެއް އޭނާ ތަންފީޒު ކޮށްފަ އެއް ނުވެ އެވެ.

ނަޖީބުގެ މަރާ ގުޅިގެން ހައްޔަރު ކުރި އެދެ މީހުން މަސްރޫރާ ގޭގައި އެއްކޮށް ދިރިއުޅޭތާ ދުވަސްކޮޅެއްވެއްޖެ ކަމަށް އެހިސާބުގަނޑުގައި އުޅޭ މީހުން ވަނީ ބުނެފަ އެވެ.

ނަޖީބު އަވަހާރަ ކޮށްލުމަށް ފަހު ބޮޑު ޑަސްބިންއެއްގެ ތެރޭގައި ނަޖީބުގެ ހަށިގަނޑު އޮތް އިރު މޫނުގައި އެއްޗެއް އަޅުވާފައި ވެސް އޮތެވެ. އޭނާގެ ހަށިގަނޑު ނެރުނު އިރު، މަންޒަރު ދުށް މީހުން ބުނީ މޫނުމަތި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮތުމުން ކާކުކަން ވަކި ކުރަން ނޭނގޭ ވަރުވެފައިވާ ކަމަށާއި އޭނާ އަވާހަރަ ކޮށްލާފައި އޮންނަތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.