20 Aug 2010, 09:17
14:00
ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެގާރަ ހާހަށްވުރެ ގިނަ މީހުން، ފިތުރު ޒަކާތުގެ ގޮތުގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރުގެ ޕަރސަނަލް އެސިސްޓެންޓް އަލީ ޒާހިރު ވިދާޅުވީ، މި މަހުގެ 12 ވީ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޒަކާތު ފައިސާ ދައްކާފައި ވަނީ އެގާރަ ހާސް ދުއިސައްތަ އެއްހާ މީހުން ކަމަށެވެ. އަދި މިހާތަނަށް ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ ދެ ލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ނަވާވީސް ރުފިޔާ 50 ލާރި ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
އެކި ފަރާތްތަކުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޒަކާތު ފައިސާގެ ގޮތުގައި މިނިސްޓްރީއަށް ދައްކާފައިވާއިރު، އެސްއެމްއެސް އަދި އޮންލައިންކޮށް ވެސް ގިނަ އަދަދެއްގެ ބަޔަލު ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލު ވެސް އޭނާ ދެއްވި އެވެ.
އެގޮތުން ދިރާގު އެސްއެމްއެސް މެދުވެރިކޮށް 778 ފަރާތަކުން ޖުމްލަ ސާދަ ހާސް ފައްސަތޭކަ ބާވީސް ރުފިޔާ ދައްކާފައިވެ އެވެ. އަދި ވަތަނިއްޔާ ނަންބަރުތަކުން އެސްއެމްކޮށްގެން 435 ފަރާތަކުން ދިހަ ހާސް ހަތްސަތޭކަ ފަންސާސް އަށް ރުފިޔާ ދައްކާފައިވެ އެވެ.
ކޭޝްކާޑު މެދެވެރިކޮށް 142 ފަރާތަކުން ހަތަރުހާސް ފައްސަތާކެ އަށާރަ ރުފިޔާ އަދި އިންޓަނެޓު މެދުވެރިކޮށް 149 ފަރާތަކުން ހަތާވީސްހާސް ތިންސަތޭކަ ހަތްދިހަ އަށް ރުފިޔާ ދައްކާފައިވެ އެވެ.
ފިތުރު ޒަކާތު ދެއްކުމުގެ ފުރުސަތު މި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވެ އެވެ.