02 Jul 2012, 17:21
މީހުންމަރާ މީހުނަށް ގާނުގައިވާ ގޮތުގެމަތިން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވުސް(ޕީޕީއެމް) އިން ގޮވާލައިފި އެވެ.
މަރާލައިފައި އޮއްވައި ރޭ ފެނުނު މަޝްހޫރު ގާނޫނީ ވަކީލް އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބްގެ މަރާ ގުޅިގެން އެކަން ކުށްވެރިކުރައްވައި ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަހުމަދު ނަޖީބަކީ ގާނޫނީ ދާއިރާ އިން ގައުމަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ދޭތެރޭ އެފަދަ ރަހުމުކުޑަ އަމަލުތައް ހިންގަމުންދާ ނަމަ އެކަމަކީ އެބޭފުޅުނަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އަހުމަދު ނަޖީބް ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލާފައިވާ ކުއްލި ހަބަރު ރޭގެ ވަގުތެއްގައި އެންމެން ވެސް އެހީ ކުއްލި ހައެރާންކަމާ ފުން ހިތާމަޔާއެކުގަ އެވެ."ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެބަޔާނުގައި ބުނެފައި ވަނީ އަހުމަދު ނަޖީބުގެ އިތުރަށް އެގޮތަށް މަރާލައިފައިވާ ހުރިހާ އެންމެން މެރުމުގައި ބައިވެރިވި ފަރާތްތަކާއި އެ ހަމަލައާ ގުޅުން ހުރި ފަރާތްތަކުގެ ތަހުގީގު އަވަހަށް ހިންގައި އެކަމުގައި ހިމެނޭ ހުރިހާ މީހުންނަށް ހައްގު އަދަބު ދިނުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ޕީޕީއެމްގެ ފަރާތުން ގޮވާލާ ކަމަށެވެ.
ގާނޫނީ ވަކީލު ސ. ހިތަދޫ ލޭޑީމޫން، އަހުމަދު ނަޖީބު (ކެރެޓް ނަޖީބު) މަރާލައިފައި އޮއްވައި ފެނިފައި ވަނީ މާފަންނު ކޮޅުގައި މީހުން ދިރިއުޅޭ ގެއެއްގެ ތެރެ އިންނެވެ.