26 Oct 2024, 14:47
ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް މިއަދު ރާއްޖެ އައިސްފިއެވެ.
މިއީ ސަނީ ލިއޯން ރާއްޖެ އައި ހަތަރުވަނަ ފަހަރެވެ.
ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުޙަބާ ކިޔައިފައިވަނީ ރާއްޖޭގެ މަޝްހޫރު އިންފްލުއެންސަރުން ކަމަށްވާ ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އާއި އާމިނަތު ޝާނާ ސައީދެވެ. އަދި އެއާޕޯޓުން ސަނީ ލިއޯން އާއި އޭނާގެ އާއިލާއަށް މަޝްހޫރު ލޯކަލް ބްރޭންޑް ޓޮޑީގެ ގިފްޓް ޕެކޭޖެއް ވެސް އިންފްލުއެންސަރުންގެ ފަރާތުން ވަނީ ހަދިޔާ ކޮށްފައެވެ.
ސަނީ ލިއޯން ރާއްޖެ އައިސްފައިވަނީ އޭނާގެ ތިން ދަރިންނާއި ފިރިމީހާއާ އެކުގައެވެ. މިދަތުރު ހަމަޖައްސާފައިވަނީ އިންޑިއާގެ މަޝްހޫރު އޭޒްޔޫޕްލޭން ޓްރެވަލް އޭޖެންސީންނެވެ.
ސަނީ ލިއޯން އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ނޯއީ މޯލްޑިވްސް ކުނާވެށި ރިސޯޓުގައެވެ. މި ދަތުރުގައި އެ އާއިލާ ކިހާ ދުވަހެއް ރާއްޖޭގައި ހޭދަކުރާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސަނީ ލިއޯން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމުން، މި ދަތުރާއެކު އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މިފަދަ މަޝްހޫރު ތަރިން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމުގައި އެ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.